Last Updated: July 11, 11:41
Saturday, July 11, 2026
ކުޅިވަރު

ލީގު ހޯދަން އާސެނަލަށް ބޭނުން ވަނީ އެންމެ މޮޅެއް

ބާންލީ 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ ތިން ޕޮއިންޓާ ކައިރިއަށް އާސެނަލް ޖެހިލައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 37 މެޗުން ލިބުނު 82 ޕޮއިންޓާއެކު އެވެ. ލީގުގެ ދެވަނައިގައި 36 މެޗުން ލިބުނު 77 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި ސިޓީން މިރޭ ބޯންމަތްއާ ދެކޮޅަށް ނިކުންނައިރު، އެ މެޗުން ސިޓީއަށް މޮޅެއް ނުހޯދިއްޖެ ނަމަ އާސެނަލަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

މިރޭގެ މެޗުން ސިޓީ މޮޅުވެއްޖެނަމަ އަންނަ ހަފްތާގައި ލީގުގައި ކުޅޭ ފަހު މެޗުން މޮޅުވެގެން ލީގު ހޯދުމުގެ ފުރުސަތު އާސެނަލަށް އޮންނާނެ އެވެ. ލީގުގެ ފަހު މެޗުގައި އާސެނަލް ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އާސެނަލަށް މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ. މިއީ އާސެނަލަށް ލިބުނު ކޯނަރަކުން ބުކާޔޯ ސަކާ ބާންލީގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ހަވެޓްޒް ކާމިޔާބުކުރި ގޯލެކެވެ.

ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އާސެނަލަށް ދެވަނަ ހާފުގައި ވެސް ލިބިފައިވެ އެވެ. އެގޮތުން އެބެރެޗީ އެޒޭ ފޮނުވާލި ހަމަލާއެއް ބާންލީގެ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެ އެވެ.