Last Updated: June 4, 18:34
Thursday, June 4, 2026
ކުޅިވަރު

ބްރެޒިލްގެ ސްކޮޑުގައި ނޭމާ ހިމަނައިފި

އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ނެގި ބްރެޒިލްގެ ސްކޮޑުގައި ނޭމާ ހިމަނައިފި އެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ އިއުލާންކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ނޭމާ ހިމަނާފައިވާއިރު، އޭނާ އަކީ ބްރެޒިލް ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިއާ އެވެ. އެއީ 79 ގޯލެވެ. ނަމަވެސް އަނިޔާގެ މައްސަލަތަކާއި ގުޅިގެން 2023 ވަނަ އަހަރު ފަހުން ނޭމާ ގައުމީ ޓީމަށް ކުޅެފައެއް ނުވެ އެވެ.

މިއީ ނޭމާ ،34، ކުޅޭނެ ހަތަރުވަނަ ވޯލްޑް ކަޕެވެ. ނޭމާ މީގެކުރިން ވަނީ 2014، 2018 އަދި 2022 ގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް ބްރެޒިލްގެ ޓީމުން ޖާގަ ދީފައިވީ ނަމަވެސް، މި ސީޒަނުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދެއްކި ޖައޯ ޕެޑްރޯ އަށް ސްކޮޑުން ފުރުސަތެއް ދީފައެއް ނުވެ އެވެ. ޕެޑްރޯ ވަނީ މި ސީޒަނުގައި 15 ގޯލު ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕް 5 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ބްރެޒިލް މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 13 ގައި ނިކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ 20 ގައި ބްރެޒިލުން ހެއިޓީއާ ދެކޮޅަށް ނިކުންނައިރު، އޭގެ ހަތަރު ދުވަސް ފަހުން ބްރެޒިލް ބައްދަލުކުރާނީ ސްކޮޓްލޭންޑާ އެވެ.

ބްރެޒިލްގެ ސްކޮޑު

ގޯލްކީޕަރުން: އެލިސަން ބެކާ، އެޑަސަން، ވެވަޓަން

ޑިފެންޑަރުން: އެލެކްސް ސާންޑްރޯ، ބްރެމާ، ޑަނީލޯ، ޑަގްލަސް ސަންޓޯސް، ގެބްރިއަލް މަގަޅައޭސް، ރޯޖާ އިބަނޭޒް، ލެއޯ ޕެރޭރާ، މާކީނިއޯސް، ވެސްލޭ

މިޑްފީލްޑަރުން: ކަސެމީރޯ، ބްރޫނޯ ގިމަރޭޝް، ލޫކަސް ޕަކެޓާ، ފަބީނިއޯ، ޑަނީލޯ ސަންޓޯސް

ފޯވަޑުން: ވިނީޝިއަސް ޖޫނިއާ، ރަފީނިއާ، މަތެއަސް ކޫންޏާ، ގެބްރިއަލް މާޓިނެލީ، ނޭމާ، އެންޑްރިކް، އީގޯ ތިއާގޯ، ލުއިސް ހެންރިކޭ، ރަޔަން