Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

މިއީ ބަދަލު ކުރުން ނޫން ގޮތެއް ނެތް ސަރުކާރެއް: ސޯލިހް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފުރުސަތު ދިން ވަރަކަށް ރައްޔިތުންނަށް ލިނޭނީ ގެއްލުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ މާލެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ރޭ ވިދާޅުވީ ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ ވައުދުތައް ފުއްދުމުގެ ފުރުސަތު ސަރުރާކަށް ދިނުމަށް ކަމަށެވެ. އެކަމަކު މި ވެރިކަމަށް ދެ އަހަރާ ބައިވެގެންދާ އިރު ގައުމު އޮތް ހާލަތު ކޮންމެ މީހަކަށްވެސް ވަޒަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވީ އެއްވެސް ވައުދެއް ފުއްދާފައިނުވާ އިރު، ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރުކަމާ ދިމާއަށް ކަމަށެވެ.

ސޯލިހް ވިދާޅުވީ މިދިޔަ މަހު ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންވަނީ ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެ، ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބިކަން ދައްކާފައިވާ ކަމަށާއި ރައްޔިތުން މިހާރު މި ސަރުކާރު ބޭނުން ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއީ ބަދަލުކުރަން ޖެހިފައި ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައި އޮތް ސަރުކާރެއް. މިއީ މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ. އެ ނޫން އެއްވެސް ކަމެއް މިއަދަކު ނެތް އަޅުގަނޑުމެން ކުރަން ޖެހޭ،" ސޯލިހު ވިދާޅުވިއެވެ. "އިތުރަށް ފުރުސަތު ދިން ވަރަކަށް މި ގައުމު ދާނީ ހަލާކުގެ ތެރެއަށް. މިނިވަންކަން ދާނީ ގެއްލިގެން،"

ޖަލްސާގައި ރައީސް ސޯލިހް ވަނީ ޖަލުގައި ތިބި ނޫސްވެރިން ދޫކޮށްލައި އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންވެސް ދޫކޮށްލަން ގޮވާލައްވައި ފައެވެ.