Last Updated: July 11, 10:01
Saturday, July 11, 2026
ދުނިޔެ

އެމެރިކާގެ މިސްކިތެއްގައި 3 މީހަކު މަރާލައިފި

އެމެރިކާގެ މިސްކިތަކަށް ދިން ހަމަލާއެއްގައި ތިން މީހަކު މަރާލައިފި އެވެ.

މީޑިއާތަކުން ބުނީ އެ ހަމަލާ ދީފައި ވަނީ ސެން ޑިއޭގޯގެ މިސްކިތަކަށް ކަމަށެވެ. އެ ހާދިސާގައި މަރުވި ތިން މީހުންގެ ތެރެއިން އެކަކީ މިސްކިތުގެ ސެކިއުރިޓީ ގާޑެވެ.

ސެން ޑިއޭގޯގެ އެންމެ ބޮޑު މިސްކިތުގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި ކަމަށް ތުހުމަތު ކުރެވެނީ ފުރާވަރުގެ ދެ ކުއްޖެކެވެ. އެ ކުދިން ވަނީ ހަމަލާ ދިނުމަށް ފަހު އަމިއްލަ އަށް މަރުވެފައިވާ ކަމަށާއި އެ މީހުންގެ ހަށިތައް ފެނުނީ ހަމަލާ ދިން މިސްކިތާ ދުރު ނޫން ހިސާބެއްގައި އޮތް ކާރެއްގެ ކައިރިން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސްކިތަށް ހަމަލާ ދިނީ ކެލެބް ވެޒްކުއެޒް ކިޔާ 18 އަހަރުގެ ކުއްޖަކާއި ކެއިން ކްލާކް ކިޔާ 17 އަހަރުގެ ކުއްޖެކެވެ.

މި ހާދިސާ މިހާރު އެފްބީއައި އިން ތަހުގީގު ކުރަމުން އަންނަ އިރު، މިސްކިތަށް ހަމަލާ ދީފައި ވަނީ މުސްލިމުންނާ މެދު އޮތް ރުޅިވެރިކަމާއި ނަފުރަތެއްގެ ސަބަބުން ކަމަށް ފާހަގަވެފައިވާ ކަމަށް ބުންޏެވެ.

ހަމަލާ ދިން މިސްކިތުގެ އިމާމު ތާހާ ހަސަން މީޑިއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިސްކިތަކަށް ވަދެ ބަޔަކަށް ހަމަލާދީ މަރާލުމަކީ ވަރަށް ވެސް ހިތާމަވެރި ކަމެއް ކަމަށެވެ، އަދި މިސްކިތަކީ ހަނގުރާމައިގެ މައިދާނެއް ނޫން ކަމަށާއި އެއީ މީސްތަކުން އަޅުކަން ކުރަން ޖަމާވާ ތަނެއް ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ހަމަލާ ދިން މިސްކިތަކީ މުސްލިމުންގެ އިތުރުން މުސްލިމުން ނޫން މީހުންނަށް ވެސް މަރުހަބާ ކިޔާ ތަނެއް ކަމަށެވެ.