ހުޅުމާލެ ނެއިބަހުޑް އެކެއްގައި ތަރައްގީކުރި ސްޕޯޓްސް ޕާކް ރަސްމީކޮށް ހުޅުވައިފި އެވެ.
ތަފާތު އެކި ކުޅިވަރުތައްް ކުޅެވޭ ގޮތަށް ހަދާފައިވާ ސްޕޯޓްސް ޕާކް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރެވެ.
އެޗްޑީސީން ބުނީ އެތަނުގައި ތިން ދަނޑު ހިމެނޭ ކަމަށެވެ. އެއީ ވޮލީ ކޯޓަކާއި، ބާސްކެޓް ބޯލް ކޯޓެއްގެ އިތުރުން ފުޓްސެލް ދަނޑެކެވެ.
މި ސްޕޯޓްސް ޕާކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ޖަލްސާގެ ތެރެއިން، އެތަނުގެ ރައްޔިތުން ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތެއް ނެތްކަމުގެ ޝަކުވާ ހުށަހެޅުމުން އެކަމަށް ގެނެސްދިން ހައްލެކެވެ.
އެހެންވެ އެކަމަށްޓަކައި ރޭގެ ރަސްމިއްޔާތުގައި އެކަން ފާހަގަކޮށް ނޭބަހުޑް އެކެއް ކޮމިއުނިޓީގެ ރެޕްރެޒެންޓޭޓިވް ނައީމް ވަނީ އެކަމަށްޓަކައި ރައީސަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.