Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ރާޅާ އަޅަން އުޅުނު ސްޕެއިން ޓޫރިސްޓަކު މަރުވެއްޖެ

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާއެޅުމަށް މޫދަށް ފޭބި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

އެ ހާދިސާގެ ރިޕޯޓްކުރީ އިއްޔެ މެންދުރު 12:57 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވާ އިރު، މަރުވި މީހާ އަކީ ސްޕެއިނަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ސްޕެއިންގެ ޓޫރިސްޓަކު އިއްޔެ މަރުވިއިރު، ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީ ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ވ. އަލިމަތާ ކައިރިން، އިޓަލީގެ ފަސް ޑައިވަރަކު ފީނީ، ރާއްޖޭގެ ގަވައިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށް، 60 މީޓަރު އަޑީގައި އޮންނަ ހޮހޮޅައަކަވެ.

އަދި އެ ޑައިވަރިން ހޯދަން ފީނި ސިފައިންގެ މީހަކު އާދީއްތަ ދުވަހު ވަނީ މަރުވެފަ އެވެ.