ބޮލީވުޑްގެ ޑައިރެކްޓަރު އިންދަރު ކުމާރުގެ ފިރިހެން ދަރިފުޅު، އަމަން އިންދަރު ކުމާރު ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމު "ތޭރާ ޔާރު ހޫނ މޭ" ރިލީޒް ކުރުން ފަސްކޮށްފި އެވެ.
މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ މި ރިމޮންޓިކް ކޮމެޑީ ކުރިން ބެލުންތެރިންނަށް ގެނެސްދޭން އޮތީ މި މަހުގެ 22 ގަ އެވެ. އެ ތާރީހަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮކްޑަކްޝަނުން އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީއާ އެކު ގެނެސްދޭ ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" ރިލީޒްކުރަން އޮތް ތާރީހެވެ.
ނަމަވެސް މެއި މަހުގެ 22 ގެ ބަދަލުގައި މިހާރު "ތޭރާ ޔާރު ހޫނ މޭ" ސިނަމާތަކަށް ގެންނަން ނިންމީ ޖުލައި 31 ގަ އެވެ. މި ފިލްމުން އަމަން ބޮލީވުޑަށް ތައާރަފުކުރާ އިރު، ފިލްމުގެ ބަތަލާ އަކީ އަކަންކްޝާ ޝަރުމާ އެވެ. އަދި މީގެ ރޯލަކުން ތަޖުރިބާކާރު އެކްޓަރު ޕަރޭޝް ރާވަލް ވެސް ފެންނާނެ އެވެ.
އިންދަރުގެ ފިރިހެން ދަރިފުޅު ބޮލީވުޑަށް ތައާރަފު ކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އަންހެން ދަރިފުޅު ޝްވޭތާ ކުމާރު ވެސް ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2008 ގެ "ކަރްޒް" އާއި ބައްޕަ އިންދަރު 2014 ގައި ގެނެސްދިން ފިލްމު "ސުޕަ ނާނީ" އެވެ.
އިންދަރު އަކީ "ދިލް" އާއި "ބޭޓާ" އާއި "ރާޖާ" އާއި "މަން" އަދި "މަސްތީ" ފަދަ މަގުބޫލު ފިލްމުތަައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ޓޯޓަލް ދަމާލް" އެވެ. އަދި ކުރިއަށް އޮތް ފިލްމަކީ "ދަމާލް 4" އެވެ.