Last Updated: July 11, 02:43
Friday, July 10, 2026
ރިޕޯޓް

ވިސާ ފީ ނުދައްކައިގެން ޑިޕޯޓް؛ ހައްލެއް ނޫން!

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮތް އެންމެ ބޮޑު އެއް އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލައެވެ. މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަގުމަތިން ފެންނަ ވިސާފީ ނުދައްކާ ބިދޭސީން ހިފައި ހައްޔަރުކޮށް ޑިޕޯޓްކުރުމަކީ އެންމެ އިންސާފުވެރި އަދި ދާއިމީ ޙައްލެއް ނޫނެވެ. މިކަމުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައް ބުނާގޮތުން، ބިދޭސީ މުވައްޒަފެއްގެ ވޯކް ޕާމިޓް ފީ ނުވަތަ ވިސާ ފީ ދެއްކުމަކީ އެ މީހަކު ވަޒީފާއަށް ގެންނަ ފަރާތުގެ ނުވަތަ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިއީ އެއްވެސް ޙާލެއްގައި މުވައްޒަފުގެ އަތުން ނަގަންޖެހޭ ނުވަތަ މުވައްޒަފު އަމިއްލައަށް އުފުލަންޖެހޭ ބުރައެއް ނޫނެވެ. ވަޒީފާދޭ ފަރާތުން މި ޒިންމާ އަދާނުކުރުމުގެ ސަބަބުން، އޭގެ އަދަބު މުވައްޒަފަށް ލިބި، އޭނާ ރާއްޖެއިން ފޮނުވާލުމަކީ އިންސާފުގެ ހަމަތަކާ ޚިލާފު ކަމެކެވެ.

އަދުލުއިންސާފުގެ މައިގަނޑު އަސާސަކީ، ކޮންމެ މީހަކަށްވެސް އަދަބެއް ދެވޭނީ އެމީހަކު އަމިއްލައަށް ކުރި ކުށަކަށް ނުވަތަ އިހުމާލުވި ކަމަކަށް ވުމެވެ. ވިސާ ފީ ނުދައްކާ އޮތުމަކީ ވަޒީފާދޭ ފަރާތުގެ އިހުމާލެކެވެ. އެހެންކަމުން، މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭނީ އެ އިހުމާލުވި ފަރާތަކަށެވެ. މުވައްޒަފަކީ އޭނާގެ ދިރިއުޅުން ބިނާކުރުމަށްޓަކައި ބުރަ މަސައްކަތްކުރާ މީހަކަށްވާއިރު، އޭނާގެ ކޮންޓްރޯލުން ބޭރުގައިވާ ކަމެއްގެ ސަބަބުން އޭނާގެ ވަޒީފާއާއި ދިރިއުޅުން ގެއްލިގެންދިއުމަކީ ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުން ބަލާއިރު ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މީގެ އިތުރުން، ވާކް ވިސާއެއްގެ ދަށުން ރާއްޖެއަށް އަންނަ ކޮންމެ މީހަކީވެސް އެމީހެއްގެ ޙައްޤުތަކެއް ކަށަވަރުވެފައިވާ މީހެކެވެ. މަގުމަތިން ފެންނަ ކޮންމެ ބިދޭސީއަކީ ކުށްވެރިއެއްގެ ގޮތުގައި ދެކި، ވިސާގެ މައްސަލައެއް އޮތް ކޮންމެ މީހަކު ވަގުތުން ހިފައި ހައްޔަރުކޮށް ޑީޕޯޓު ކޮށްލުމަކީ ދިގު މުއްދަތުގެ ޙައްލެއް ނޫނެވެ. އޭގެ ބަދަލުގައި، އެ މީހަކަށް އެ ޙާލަތު ދިމާވި ސަބަބު ދެނެގަނެ، ވަޒީފާދޭ ފަރާތް ޖަވާބުދާރީ ކުރުވުމަކީ މުހިންމު ކަމެކެވެ. ހަމައެކަނި ބިދޭސީ މީހާ ފޮނުވާލުމުން، އިހުމާލުވި ވަޒީފާދޭ ފަރާތަށް އެއްވެސް އުނދަގުލެއް ނުވެ ސަލާމަތްވުމުގެ ފުރުޞަތު ލިބިގެންދެ އެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ޤާނޫނު ތަންފީޒުކުރަން ޖެހެއެވެ. ނަމަވެސް، އެ ތަންފީޒުކުރުން ބިނާވާންޖެހޭނީ އިންސާފުގެ މައްޗަށެވެ. ވިސާފީ ނުދައްކާ މައްސަލައިގައި ބިދޭސީ މީހާ ޑިޕޯޓްކުރުމުގެ ބަދަލުގައި، ވަޒީފާދޭ ފަރާތްތަކުން ޤާނޫނަށް ބޯލަނބުވައި، އެ ފަރާތްތަކުގެ ޒިންމާ އަދާކުރުވުމަކީ މި މައްސަލައަށް އޮތް އެންމެ ދާއިމީ އަދި ހަރުދަނާ ޙައްލެވެ.