Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ޖަލުގައި ތިބި ނޫސްވެރިންގެ ހާލަތާ ގުޅޭ ތަހުގީގެއް

ޖަލަށްލާފައިވާ އަދަދުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރާ މެދު ޖަލުގައި އަމަލު ކުރާ ގޮތުގެ ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ރޭ ބުނީ އެ ދެ ނޫސްވެރިންނާއި އެ މީހުން ދޫކޮށްލަން ގޮވާލައި ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ވަނީ ބައްދަލުކޮށް، އެ މީހުންގެ ހާލު ބަލާފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ އެ ޒިޔާރަތްތަކުގައި، އެ މީހުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ތަހުގީގު ކުރަން ޖެހޭ ކަންކަން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

ލީވާން އާއި ޝަހުޒާން ފުރަތަމަ ބަންދުކުރީ މާފުށީ ޖަލުގެ ޔުނިޓް 12 ގަ އެވެ. ނަމަވެސް، ލީވާން މިހާރު ވަނީ ޔުނިޓް 10ގެ ގޮޅިއަކަށް ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނައި ސަބަބެއް ކަރެކްޝަނުން ނުބުނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒްފްގެ ތުހުމަތު ކުރެވޭ ގޮތަށް "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފ އެވެ.

އަދި އެ ޑޮކިއުމަންޓަރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

ކޯޓުން ނެރިނު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައި ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. ލީވާން ޖަލަށްލީ 10 ދުވަހަށެވެ.