Last Updated: July 11, 07:37
Saturday, July 11, 2026
ރިޕޯޓް

ޙައްޖުގެ އާޔަތަކާއި بيت الله الحرام ގެ ހިޔަލުގައި!

﴿وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى﴾ މާނައީ: "އަދި إبراهيم ގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ!"

މާތް الله سبحانه وتعالىމި މާތް ހިލަކޮޅަށް ނުވަތަ "މަޤާމް އިބްރާހީމް" އަށް ގިނަގުނަ މާތްކަމާއި މަތިވެރިކަން ދެއްވައިފައިވެއެވެ. އަދި އެތަނުގެ މަތިވެރިކަމާއި ޝަރަފުވެރިކަން ބަޔާންކޮށްދޭ އެތައް ހެކިތަކެއް ލައްވައިފައިވެއެވެ. މި މާތްކަން ކީރިތި ޤުރްއާނުގެ ނައްޞުންނާއި ކައު އިތުރު ރަސޫލާ صلى الله عليه وسلم ގެ ސާފު ސުންނަތުން ވަނީ ސާބިތުވެ މަޝްހޫރުވެފައެވެ.

ކީރިތި ޤުރްއާނުގައި އެތަނުގެ ޛިކުރާ އާކުރެއްވުން:

މާތް އެކަލާނގެ މަތިވެރި ފޮތުގައި، بيت الله الحرام ގެ ވާހަކަ ބަޔާން ކުރައްވައިފައިވާ ދެ އާޔަތެއްގައި މި މާތް މަޤާމުގެ ވާހަކަ ޛިކުރުކުރައްވައިފައިވެއެވެ. މިއީ ޒަމާންތަކަށް ދެމިގެން ދާނޭ ފަދައިން އެތަނުގެ މަތިވެރިކަމާއި ޝަރަފު ބަޔާންކޮށްދިނުމަށާއި، ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމް ޢަލައިހިއްސަލާމަށް ދެއްވި އިއްޒަތެއްގެ ގޮތުން ކިޔެވޭ ޤުރުއާނެކެވެ.

މާތް ވަނީ بيت الله الحرام އާ ގުޅޭ އެންމެ މަތިވެރި އެއް އާޔަތުގައި މި މަޤާމުގެ ވާހަކަ ބަޔާންކުރައްވައި، މުއުމިނުންނަށް އެތަނަކީ ނަމާދުކުރާ ތަނެއްގެ ގޮތުގައި ހިފުމަށް އަމުރުކުރައްވާފައެވެ. ބަޤަރާ ސޫރަތުގެ 125 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِلنَّاسِ وَأَمْنًا وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى﴾ މާނައީ: "އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمان ކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ كعبةاللَّه ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ! އަދި إبراهيم ގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ!" މި އަމުރުފުޅުގެ ސަބަބުން އެ މަޤާމުގެ ޝަރަފު އުފުލި، ދުނިޔެ ދެމިއޮތްހާ ހިނދަކު އެތަނުގެ ޛިކުރާ އާވެއާވެ ހުރެއެވެ.

އަދިވެސް އާލްޢިމްރާން ސޫރަތުގެ 96 އަދި 97 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِلْعَالَمِينَ * فِيهِ آَيَاتٌ بَيِّنَاتٌ مَقَامُ إِبْرَاهِيمَ﴾ މާނައީ: "ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكة ގައިވާ ގެފުޅުކަން ކަށަވަރެވެ. بركات ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالم ތަކަށް ތެދުމަގެއް ކަމުގައެވެ. ފާޅުވެގެންވާ ހެކިތަކެއް އެތާނގައިވެ އެވެ. إبراهيم ގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ." މިފަދައިން މާތް ވަނީ މި މާތް މަޤާމަކީ ގެފުޅާއި، ޙައްޖާއި، ނަމާދާއި އަދި ދުޢާއާ ގުޅިފައިވާ ތަނެއްގެ ގޮތުގައި ލައްވާފައެވެ.

މާތްﷲ އެކަލާނގެ އަޅުތަކުންނަށް ބަޔާންކޮށްދެއްވާފައިވަނީ އެކަލާނގެ ބަރަކާތްތެރި ޙަރަމްފުޅުގައި ފާޅުކަން ބޮޑު ހެކިތަކެއްވާ ކަމެވެ. އޭގެ ތެރެއިން "މަޤާމް އިބްރާހީމް" ވަކިން ޚާއްޞަކޮށް ޛިކުރު ކުރައްވާފައި ވަނީ އެތަނުގެ މަތިވެރިކަމުގެ ބޮޑުކަމުންނެވެ.

މި މާތް މަޤާމުގެ ތެރޭގައި އެތައް މުޢުޖިޒާތްތަކެއް އެކުލެވިގެންވެ އެވެ.

• ހަރު ހިލައެއްގައި ފައިތިލައިގެ ނިޝާން ހުރުން
• ފައިތިލަ ކުޑަހުޅާ ހަމައަށް ހިލައިގެ ތެރެއަށް ފެތިފައި ހުރުން
• ހިލައިގެ ބައެއް މަޑުވެފައި އަނެއް ބައި ހަރުކޮށް ހުރުން
• އިބްރާހީމްގެފާނު ގެފުޅު ބިނާކުރައްވަމުން ދިޔައިރު، އެކަލޭގެފާނު އުސްކުރެއްވުމަށްޓަކައި މި މަޤާމު މައްޗަށް އުފުލުން
• ޒަމާންތަކަކަށް މި ހިލަ ސަލާމަތުން ދެމިއޮތުން
• އެތައް ހާސް އަހަރެއް ވަންދެން ދުޝްމަނުންގެ ކިބައިން މިތަން ރައްކާތެރި ކުރެއްވުން
• މިއީ އިބްރާހީމް ޢަލައިހިއްސަލާމްގެ ނަބީކަމުގެ ހެއްކެއް އަދި މުޢުޖިޒާތެއް ކަމުގައިވުން
• ކޮންމެ ވަގުތަކުވެސް އެ މަޤާމުގެ ފަހަތުގައި ނަމާދުކުރާނޭ މީހަކު ހުރުން

މިއީ މާތްގެ ވަޙީބަސްފުޅު "އަދި އިބްރާހީމްގެފާނުގެ މަޤާމަކީ ނަމާދުކުރާ ތަނެއް ކަމުގައި ތިޔަބައިމީހުން ހިފާށެވެ" މިއާޔަތުގެ ތަޞްދީޤެކެވެ.

މަޤާމް އިބްރާހީމްގެ ފަހަތަކީ ދުޢާ އިޖާބަކުރައްވާ މަޤާމުތަކުގެ ތެރެއިން މަޤާމެކެވެ. ޠަވާފުގެ ދެ ރަކުޢަތަށް ފަހު އެތަނުގައި ދުޢާކުރުމަކީ މުސްތަޙައްބު ކަމެއް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެ އެވެ. އެތަނުގައި ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަމަށް އެދި ދުޢާކުރުން އެދެވިގެންވެ އެވެ.

މަޤާމް އިބްރާހީމްގެ ފަހަތުގައި ނަމާދު ކުރުމުގެ އެއް ހިކުމަތަކީ، ގެފުޅު ބިނާކުރެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ހަނދާން އާކުރުމެވެ. އެކަލޭގެފާނަކީ މާތް އަޅުގަނޑުމެންނަށް ދެއްވި ރިވެތި ނަމޫނާއެކެވެ. އެހެންކަމުން، އެ މާތް ހިލައިގެ ފަހަތުގައި ނަމާދަށް ހުންނަ އިރު، އިބްރާހީމްގެފާނަށް މާތްﷲ ދެއްވި މަތިވެރި ދަރަޖަތަކާއި ނިޢުމަތްތައް ހަނދުމަކުރުން މުހިންމެވެ. އަދި އެ ދުޢާ އިޖާބަކުރައްވާ މާތް ބިމުގައި ހުރެ، އެކަލޭގެފާނަށް ދެއްވި ފަދަ ހެޔޮ ދަރަޖަތަކާއި ބަރަކާތް އަޅުގަނޑުމެންނަށް ވެސް މިންވަރުކޮށް ދެއްވުމަށް އެދި ދުޢާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ހަމަކަށަވަރުން މާތް އީ ދުޢާ އިޖާބަކުރައްވާ، ކައިރިވެވޮޑިގެންވާ ރަސްކަލާނގެ އެވެ.

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ޙަސަންގެ ލިޔުއްވުމެކެވެ.