Last Updated: July 11, 02:43
Friday, July 10, 2026
ރިޕޯޓް

މި ވާން އުޅެނީ އަސްލު ކިހިނެއް؟

ރާއްޖޭގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލާއިރު، ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތައް ގިނަގުނައެވެ. ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ފެންނަ ކޮންމެ ނިންމުމަކީ އާންމުންގެ ފާޑުކިޔުމާއި ސަމާލުކަން ހުއްޓޭ ކަންކަމެވެ. ވަކިން ހާއްސަކޮށް، ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ ގުޅުމާއި، މުއައްސަސާތަކުގެ ހިންގުމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ ކަންބޮޑުވުން އުފެދޭ ކަންކަމެވެ. އެގޮތުން، ދާދި ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދެ ޑިރެކްޓަރ ޖެނެރަލުން ސަސްޕެންޑްކުރި ހާދިސާއަކީ މުޅި ގައުމު ސިއްސުވާލި، އަދި ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެއްދި ކަމެކެވެ.

ޝަރުއީ ދާއިރާގެ އިދާރީ އޮނިގަނޑު ބަލަހައްޓާ މައި އިދާރާގެ އިސް ދެ މަގާމެއްގައި ތިއްބެވި ޒަކަރިއްޔާ ހުސެއިން އާއި އަހުމަދު އަލީ، ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކުރި ޚަބަރަކީ ކުއްލި ސިހުމެއް ގެނުވި ކަމެކެވެ. ރިޕޯޓްތަކުން އެނގޭ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްވީ ނަމަވެސް، އެއީ ކޮން މައްސަލައެއްކަން ނުވަތަ އެ ބޭފުޅުންގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއްކަން ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. ދެފުށް ފެންނަ ސިޔާސަތެއްގެ ވާހަކަ ދައްކާއިރު، ދައުލަތުގެ މުހިންމު ނިންމުންތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ ލާޒިމު ކަމެކެވެ. ނަމަވެސް މި މައްސަލާގައި ފެނިގެންދަނީ މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތެކެވެ.

ސަސްޕެންޑް ކުރެވުނު ދެ ބޭފުޅުންނަކީ ދައުލަތުގެ ހިދުމަތުގައި ދިގު ތާރީޚެއް އޮތް، ތަޖުރިބާކާރު ބޭފުޅުންނެވެ. އަހުމަދު އަލީއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނަވައި، ތައުލީމީ ދާއިރާގެ އިދާރީ ހިންގުމުގައި ނަމޫނާ ދެއްކެވި ބޭފުޅެކެވެ. ހަމައެފަދައިން، ޒަކަރިއްޔާ ހުސެއިންއަކީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވައި، ދައުލަތުގެ ހިންގުމުގެ ދާއިރާއިން އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. މިފަދަ ގާބިލު ދެ ބޭފުޅަކު، އެއްވެސް ސާފު ސަބަބެއް ބަޔާންނުކޮށް މަގާމުން އެކަހެރިކުރުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއް ބާވައެވެ؟

މި ހާދިސާގެ ނުތަނަވަސްކަން އިތުރުވަނީ، ޑީޖޭއޭގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ ވެސް ހަމަ އެ ދަނޑިވަޅާ ދިމާކޮށް މަގާމުން ވަކިވެވަޑައިގަތުމުންނެވެ. އެއް މުއައްސަސާއެއްގެ އެންމެ އިސް ތިން ބޭފުޅަކު ކުއްލި ގޮތަކަށް ވަކިވެގެންދިއުމަކީ އިއްތިފާގެއް ކަމަށް ގަބޫލުކުރަން ދަތިވެއެވެ. މިއީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިދާރީ ހިންގުމަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާކަމުގެ ހެއްކެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ހާމަކަން ބޮޑު، ޒިންމާދާރު އަދި ޖަވާބުދާރީވާނެ ސަރުކާރެއްގެ ވައުދާ އެކުގައެވެ. ނަމަވެސް ޑީޖޭއޭގެ ތެރޭގައި ހިނގަމުންދާ ކަންކަމުން ފެންނަނީ އެއާ މުޅިން ތަފާތު މަންޒަރެކެވެ. ދައުލަތުގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާއިރު، އެކަމުގެ ސަބަބުތައް ހާމަކުރުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން ކުރަންޖެހޭ ކަމެކެވެ.

ކަމުގެ ހަގީގަތް ހާމަނުކޮށް، ސިއްރުވެރިކަމާއެކު ކަންކަން ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކާ ބީލައްޓެހި އަމަލެކެވެ. ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ދައުލަތުގެ މުއައްސަސާތަކުން ހިންގާ ކަންކަމުގެ ތަފްސީލު ސާފުކޮށް ރައްޔިތުންނަށް އެނގިގެންނެވެ. ސުވާލަކީ، ފަރުދާގެ ފުރަގަހުގައި މި ހިނގަނީ ކޮން ކަމެއް ހެއްޔެވެ؟ އަދި މިކަމުން ގައުމުގެ ހިންގުމަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟

ރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާއިރު، ޝަރުޢީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ ތަކުރާރުވަމުން އަންނަ ނުރަނގަޅު އާދައެކެވެ. ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުގެތަކާއި ޝަރުޢީ އިދާރާތަކުގެ އިސް މަޤާމުތަކަށް ބަދަލު އައުމަކީ އާންމު ކަމަކަށް ވެފައިވާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ފަހަކަށް އައިސް ހިނގަމުންދާ ކަންކަމަކީ ވެސް މި ކަންބޮޑުވުންތަކާ ގުޅިފައިވާ ކަންކަމެވެ. ޝަރުޢީ ދާއިރާ ހިންގަން ތިއްބަވާ އިސް ބޭފުޅުން ސިޔާސީ ސަބަބުތަކަށްޓަކައި ވަކިކޮށް، ސަސްޕެންޑް ކުރެވޭ ނަމަ، އެ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފެދުން ނޫން ކަމެއް ނުވާނެއެވެ. އަދުލު އިންސާފުގެ ނިޒާމު ހިންގަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ހާމަކަން ބޮޑު އަދި ހަމަހަމަ އުސޫލެއްގެ ދަށުންނެވެ. ނަމަވެސް، ޑީޖޭއޭގެ ތެރެއިން މި ފެންނަނީ އެ މަންޒަރެއް ނޫނެވެ.

ސަރުކާރުން، ޑީޖޭއޭގެ ދެ ޑިރެކްޓަރ ޖެނެރަލުން ސަސްޕެންޑް ކުރި ކުރުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ސުވާލުތަކެއް އުފެދުނު ކަމެކެވެ. ސާފު ސަބަބެއް ބަޔާންނުކޮށް އަދި އެއްވެސް ތުހުމަތެއް ހާމަކުރުމެއް ނެތި، ތަޖުރިބާކާރު ދެ ބޭފުޅަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމާއި، އެއާ ވިދިގެން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އިސްތިއުފާ ދެއްވުމަކީ އޭގެ ފަހަތުގައި ސިއްރުތަކެއް ފޮރުވިފައިވާ ކަމުގެ އިޝާރާތެކެވެ. ކޮންމެ ބުއްދިވެރި ރައްޔިތަކު ވެސް ގަބޫލުކުރާ ގޮތުގައި، މިފަދަ ނިންމުންތަކުގެ ފަހަތުގައި ސިޔާސީ ބޮޑު މަގުސަދެއް އޮންނާނެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުން އެދެނީ ކޮން ކަމަކަށް ހެއްޔެވެ؟ ރައްޔިތުން ބޭނުންވަނީ ކަންކަމުގެ ހަގީގަތް އެނގޭނެ ސާފު ތަސްވީރެކެވެ. ދައުލަތުގެ ނިންމުންތަކުގައި ހާމަކަން ބޮޑުވުމެވެ. ޝަރުޢީ ދާއިރާގެ ކަންކަމުގެ ތެރެއަށް ސިޔާސީ އަތްތައް ނުބޭނުމެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވެ، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމެވެ. ވެރިކަމަކީ ހަމައެކަނި ބާރާއި އިއްޒަތެއް ނޫނެވެ. އެއީ ރައްޔިތުންގެ ފަރާތުން ލިބިފައިވާ އަމާނާތެކެވެ. އެ ބާރު ބޭނުންކުރަންވާނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ. ކަންކަން ސިއްރުކޮށް، ސަބަބުތައް އޮޅުވާލައި، ޒިންމާދާރުކަމެއް ނެތް ގޮތަށް އަމަލުކުރުމަކީ ހެޔޮވެރިކަމުގެ ސިފައެއް ނޫނެވެ.

ދިވެހި ރައްޔިތުން ރައީސް މުޢިއްޒަށް ވޯޓު ދިނީ، ހާމަކަން ބޮޑު، ޒިންމާދާރު އަދި އިންސާފުވެރި ވެރިކަމެއް ގާއިމުކޮށްދެއްވާނެ ކަމުގެ އުންމީދުގައެވެ. އެހެންކަމުން، ރައްޔިތުންގެ އެ އިތުބާރު ދެމެހެއްޓެވުމަށްޓަކައި، ޑީޖޭއޭގެ އިސްވެރިން ސަސްޕެންޑް ކުރި ސަބަބާއި އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ގޮވާލަމެވެ. މިއީ ރައްޔިތުންނަށް ލިބިގެންވާ ހައްޤެކެވެ. ދެފުށް ފެންނަ، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ކަންކަން ހިންގުމަކީ ހަމައެކަނި ރައްޔިތުންގެ އެދުމެއް ނޫނެވެ. އެއީ ރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ، ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. އެ

ހެންކަމުން، ޤާނޫނީ މި އިލްތިޒާމު ފުރިހަމައަށް އަދާކުރެއްވުމަށް، ދިވެހި ހުރިހާ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ކުރަމެވެ.