ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހުރާނީގެ މޭސްތިރިއަކަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ފުރަތަމަ ވެބް ސީރީޒް 'ޕްރިތަމް އެންޑް ޕެޑްރޯ'ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައި ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފި އެވެ.
ޖިއޯ ހޮޓްސްޓާ އިން މި ސީރީޒް ޕްރިމިއާ ކުރަން ނިންމާފައި ވަނީ ޖުލައި 3 ގަ އެވެ.
'ޕްރިތަމް އެންޑް ޕެޑްރޯ' ޑައިރެކްޓްކޮށްފައި ވަނީ އަވިނާޝް އަރޫން އެވެ. އަދި މީގެ ޓައިޓްލް ރޯލުތަކުން ފެންނާނީ އަރުޝަދު ވަރްސީ އާއި ހިރާނީގެ ދަރިފުޅު ވީރް ހިރާނި އެވެ. އަރުޝަދަކީ ހިރާނީގެ ވަރަށް ކާމިޔާބު ދެ ފިލްމު ކަމަށްވާ 'މުންނާބާއީ އެމްބީބީއެސް' އާއި 'ލަގޭ ރަހޯ މުންނާބާއީ' ގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެވެ.
'ޕްރިތަމް އެންޑް ޕެޑްރޯ' ގެ ވިލަންގެ ރޯލުން ފެންނާނީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު ވިކްރާންތު މަސީ އެވެ.
'3 އިޑިއަޓްސް' އާއި 'ޕީކޭ' އަދި 'ސަންޖޫ' ވެސް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާނާ އެކު 2023 ގައި ގެނެސްދިން 'ޑަންކީ' އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހިރާނީ މިހާރު އަންނަނީ '3 އިޑިއަަޓްސް' ގެ ދެވަނަ ބައި '4 އިޑިއަޓްސް' ހަދަން ތައްޔާރުވަމުންނެވެ.