Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

މަސްވެރިންނަށް ހާއްސަ އަގެއްގައި 2.5 މިލިއަން ލީޓަރުގެ ތެޔޮ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މަސްވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 2.5 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ހާއްސަ އަގެއްގައި ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހަނގުރާމައާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމެޓީން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން މިއަދާއި ހަމައަށް 1832 އުޅަނދަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށެވެ.

މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މި ހިދުމަތް ލިބޭނެ ކަމަށެވެ.

ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާއިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދަނީ ދޫކުރަމުންނެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.