ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅެއް، ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުވައިފި އެވެ.
މި ސިޓީގައި ކުރީގެ ރައީސުން ވަނީ، 10 މެއި 2026 ގައި ކޯޓަކުން ނެރުނު އަމުރަކުން، ރައީސުލްޖުމްހޫރިއްޔާއާ މެދު ތުހުމަތުތަކެއް ހިމެނޭ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ދެއްކުން މުޅިން މަނާކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި މިފަދަ ހަރުކަށި އަމުރެއް ނެރުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްފަ އެވެ.
މި އަމުރާ ގުޅިގެން، 12 މެއި 2026 ގައި ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާންއާއި ލީވާން ޢަލީ ނާޞިރު ޖަލަށް ލާފައިވާ ކަމަށާއި، ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި ޝަރީޢަތުގައި، ވަކީލަކު ހޯދުމަށް އެ ނޫސްވެރިންނަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ. މިއީ 2008 ވަނަ އަހަރުގެ އައު ޤާނޫނުއަސާސީއަށްފަހު، ރާއްޖޭގައި ނޫސްވެރިން ޖަލަށްލީ ފުރަތަމަ ފަހަރު ކަމަށާއި އަދި މިކަމާ ދެކޮޅަށް މާލޭގެ މަގުތަކުގައި އިޙްތިޖާޖުކުރި ގިނަ ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ސިޓީގައިވެ އެވެ.
ހަމައެއާއެކު ކުރީގެ ރައީސުންގެ ސިޓީގައި ވަނީ، މިހާރުގެ ސަރުކާރުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލައި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ކަމަށް ބުނެފަ އެވެ. އަދި އަލަށް ފާސްކުރި މީޑިއާ ޤާނޫނުގެ ދަށުން، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް ނޫސްތައް ބަންދުކުރުމުގެ ބާރު ދީފައިވާކަންވެސް ކުރީގެ ރައީސުން ފާހަގަކުރެއްވި އެވެ.
އަދި ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި، ރިޒާވް ހުސްވެ، ދަރަނި ނުއުފުލޭ މިންވަރަށް ބޮޑުވެފައިވާއިރު، ބޭރުގެ ބައިވެރިންނަށާއި ދަރަނި ދިން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އޮތް ފުރުސަތު ވަނީ ވަރަށް ކުޑަވެފައި ކަމަށް އެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.
މި ސިޓީގައި ތިން ރައީސުން ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް މުސްތަގުބަލަށްޓަކައި މަސައްކަތްކުރާ ބައިވެރިންގެ ހައިސިއްޔަތުން، ސަރުކާރަށް ބާރުފޯރުވައި، ނަހަމަ ގޮތުގައި ބަންދުކޮށްފައިވާ ހުރިހާ ނޫސްވެރިންނާއި، މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށާއި، އެމީހުންގެ މައްޗަށް ކުރާ ނާހަމަ ދައުވާތައް ހުއްޓާލުމަށް ބާރުއެޅުއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.