ގާޑިޔާ ވިޔަފާރި ހިންގާ ފަރާތްތަކުން އެކަމަށް ހުއްދައެއް ނަގަން ޖެހޭ ކަމަށާއި ހުއްދަ ނުނަގައި ގާޑިޔާ ވިޔަފާރި ނުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ބިޒްނަސް ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާޑިޔާ ވިޔަފާރިއަކީ ގަވައިދުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމަކަށްވާތީ، ގާޑިޔާ ވިޔަފާރި އާ ބެހޭ ގަވައިދެއް އައްޑޫގައި ވެސް ހަދާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ އައްޑޫގެ ގާޑިޔާ ވިޔަފާރިއާ ބެހޭ ގަވައިދު ގެޒެޓްގައި ޝާއިއުކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެ ގަވައިދަށް އަމަލު ކުރަން ފެށޭނީ، އެ ގަވައިދު ގެޒެޓްވުމުން ކަމަށްވާތީ، އެކަން ކުރެވެންދެން ގާޑިޔާ ހިންގާ ފަރާތްތަކަށް ވަގުތީ ހުއްދައެއް އާދީއްތަ ދުވަހުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށް ބިޒްނަސް ޑިޕާޓްމަންޓުން ބުންޏެވެ.
ވަގުތީ ހުއްދަ ދޫކުރަނީ މަހަކު 50ރ. ގެ ފީއެއް ދައްކަންޖެހޭ ގޮތަށް ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ. އެ ހުއްދަ ދޫކުރަން ފަށާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ބިޒްނަސް ޑިޕާޓްމަންޓުން ބުނީ ގަވައިދު ގެޒެޓްކުރެވުމުން މިހާރު ދޫކުރަން ފަށާފައިވާ ވަގުތީ ހުއްދަ ބާތިލްކުރެވޭނެ ކަމަށެވެ.