Last Updated: July 11, 11:41
Saturday, July 11, 2026
ކުޅިވަރު

އާސެނަލުން 22 އަހަރަށް ފަހު ލީގު ކާމިޔާބުކޮށްފި

އާސެނަލުން 22 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފި އެވެ.

އާސެނަލަށް ލީގު ތަށި ޔަގީންވީ ރޭ ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ބޯންމަތް އަތުން މޮޅު ނުވެވުމުންނެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ބޯންމައުތުގެ ޖޫނިއާ ކްރޫޕީ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިންއިރު، ސިޓީ އަށް ލަނޑެއް ޖަހައި އެއްވަރުކުރެވޭ ގޮތްވީ އިތުރު ވަގުތުގެ ފަސް ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ.

ލީގުގައި ބާކީ އެއް މެޗު އޮއްވާ އާސެނަލަށް ލީގު ޔަގީންވީ 37 މެޗުން ލިބުނު 82 ޕޮއިންޓާއެކު އެވެ. ސިޓީ އަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. މިއީ، 2004 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުނު ފުރަތަމަަ ފަހަރެެވެ. އަދި މިއީ އާސެނަލުން އިނގިރޭސި ޗެމްޕިއަންކަން ހޯދި 14 ވަނަ ފަހަރެވެ.

ފާއިތުވި ތިން ސީޒަނުގައި ވެސް އާސެނަލުން ލީގު ނިންމާލާފައިވަނީ ދެ ވަަނައިގަ އެވެ.

އާސެނަލަށް މި ސިޒަނުގައި އަދިވެސް ތާރީހީ ކާމިޔާބެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން މި މަހު 30 ވަނަ ދުވަހު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި 20 އަހަރު ފަހުން އާސެނަލުން ކުޅޭ ފުރަތަމަ ފަހަރެވެ.