ފުވައްމުލަކުގައި ގާއިމްކުރި "ލިވިން ލެބް" އަދި މަލްޓި ހަޒާޑް އާލީ ވޯނިން ސިސްޓަމާއި މޮބައިލް އެޕް "އުދަ" ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ.
ޑީމެޑް ޕްރޮޖެކްޓްގެ ދަށުން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށްވާ މަލްޓި ހަޒާޑް އާލީ ވަރނިންގް ސިސްޓަމްގެ މަސައްކަތް ނިންމައި، މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރި ލިވިން ލެބް ވަނީ ހުޅުވައިފަ އެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގައި މި މަހުގެ 13 ގައި ބޭއްވި ރަސްމިއްޔާތެއްގައި ލިވިން ލެބް ހުޅުވައިދެއްވައި އަދި ސިސްޓަމް އިފްތިތާޙްކޮށް ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފެވެ.
މި ސިސްޓަމަކީ ޔުނައިޓަޑް ކިންގްޑަމްގެ ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ތިންކް ލެބުން ތައްޔާރުކޮށްފައިވާ މޯބިލައިޒް ސިސްޓަމްގެ މައްޗަށް ބިނާކޮށް ފުވައްމުލައް ސިޓީގެ ޖިއޯގްރަފީއަށް ހާއްސަކޮށް ޑިވެލޮޕްކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގައި މައިގަނޑު 4 ބައެއް ހިމެނެއެވެ. އެގޮތުން މޮބިލައިޒްގެ މަލްޓި-އެޖެންސީ ރިސްކް އެސެސްމަންޓް ޕްލެޓްފޯމުގެ ރިސްކް ނޮލެޖް އެންޑް އިމްޕެކްޓް އެނަލައިޒަރ ބޭނުންކޮށްގެ ޤައުމީ އިދާރާތަކާއި ލޯކަލް ކައުންސިލް ފެންވަރުގައި ގެންގުޅޭ ޑޭޓާބޭސްތަކުގެ ޑޭޓާ ބޭނުންކޮށްގެން ރިސްކް އެނެލައިޒް ކުރެވެއެވެ. މިގޮތުން ރިސްކު އެނަލައިޒް ކުރުމަށް ވިޒުއަލް ޓޫލްސް ހިމަނާފައިވުމުގެ އިތުރުން، އެކި ހާލަތްތައް ސިމުލޭޓްކޮށް އެފަދަހާލަތްތަކުން މުޖްތަމައުއަށާއި، އިންފްރަސްޓްރަކްޗަރ އަށް ކުރާނެ އަސަރު ދެނެގަނެވެ އެވެ.
އަދި ސިސްޓަމްގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަނެވި ދުރާލާ ފިޔަވަޅު އެޅުމަށް އެފަރާތްތަކަށް ރައްކާތެރިވުމުގެ އިންޒާރުގެ މެސެޖްތައް ފޯރުކޮށްދޭން ފަސޭހަވެގެން ދާނެ އެވެ.
ސިސްޓަމްގެ މޮނިޓަރިން އެންޑް ފޯކާސްޓިންގ ޕްލެޓްފޯމް "އީގަލް އައި" އަކީ މޫސުން ލަފާކުރުމަށް ބޭނުން ކުރާ ބައިނަލްއަޤްވާމީ މޮޑެލްސް ތަކާއި އަދި އެތަނެއްގައި ހުންނަ މޫސުމީ ސެންސަރ ތަކުގެ އެހީގައި، އުފެދެމުން އަންނަ މޫސުމީ ނުރައްކާތައް އަންދާޒާ ކުރަން ބޭނުންކުރާ ސިސްޓަމެކެވެ.
އެގޮތުން ވާރޭ ވެހޭނެ މިންވަރާއި، ވައިގެ ބާރުމިނާއި މިސްރާބާއި، ރާޅުގެ އުސްމިނާއި ފެންބޮޑުވެދާނެ މިންވަރު ދެނެގަތުމަށް މި ސިސްޓަމް ބޭނުންކުރެވެ އެވެ.
މި ސިސްޓަމްގައި ދެން ހިމެނެނީ ރައްކާތެރި ވުމަށް ފޯރުކޮށްދޭ އިންޒާރުގެ މެސެޖްތައް ފޮނުވާ "ބީކޮން އެކްސް" މޮޑިއުލްއެވެ. މިގޮތުން އެސްއެމްއެސް، ވަޓްސް އެޕް ނުވަތަ ވައިބަރ ފަދަ ޕްލެޓް ފޯމް މެދުވެރިކޮށް މެސެޖް ފޮނުމުގެ އިތުރުން މޯބައިލް އެޕެއް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވެއެވެ.
މި ނިޒާމުގެ 4 ވަނަ ބަޔަކީ "އުދަ"ގެ ނަމުގައި ލޯންޗް ކުރި މޯބައިލް އެޕެވެ. މިއީ މޫސުމީ އިންޒާރު ލިބުމުގެ އިތުރުން، އެކި ކަހަލަ ހާދިސާތައް ކައުންސިލް އަށް ރިޕޯޓް ކުރެވޭނެ ނިޒާމެކެވެ. މިއީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަސް ހިމަނައިގެން ވީހާވެސް ގިނަ ރައްޔިތުންނާއި، ބިދޭސީ މަސައްކަތްތެރިންގެ ބޮޑުބައެއް ހިއްސާކުރާ ބަންގްލަދޭޝް މީހުނާއި، ފަތުރުވެރިންނައް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ރާއްޖޭގެ ފުރަތަމަ އެޕެކެވެ.
މި ސިސްޓަމް ލޯންޗް ކުރުމުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަ ހިމެނޭހެން މި ސިސްޓަމްގެ ޓްރެއިނިންގ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން "ލިވިން ލެބް" ނަމުގައި ހުޅުވުނު ވަސީލަތަކީ، ވަކިވެފައިވާ ޓެކްނިކަލް މެކޭނިޒަމްއެއްގެ ބަދަލުގައި، މޫސުމީ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލައި ކަންކަން ރޭވުމަށްޓަކައި ފުވައްމުލަކު ސިޓީކައުންސިލާއި، ސަލާމަތީ ބާރުތަކާއި، ޤައުމީ އިދާރާތައް ގުޅިގެން މަސައްކަތްކުރަން ޤާއިމުކުރެވުނު މަލްޓިހަޒާޑް އަރލީ ވަރނިންގ ޑިސިޝަން ސަޕޯޓް ސެންޓަރެކެވެ.
ސީދާ އެ ސަރަހައްދެއްގެ ހާލަތުގެ މައްޗަށް ބިނާކޮށް އެކި ކަންކަން ނިންމުމަށް މި ސެންޓަރުގައި އިސްވެ ދެންނެވުނު ސިސްޓަމްތަކަށް އެކްސެސްވެ މަޝްވަރާ ކުރެވޭ ގޮތަށް ވަސީލަތްތައް ޤާއިމްކޮށް ދެވިފައިވެ އެވެ.
ޝަރީފް ވިދާޅުވީ ހަމަ އެކަނި މޫސުން ލަފާކުރުމާއި އެ ލަފައަށް ބަރޯސާވުމުގެ ސަގާފަތް ދޫކޮށް، މޫސުމުގެ ސަބަބުން ދިމާވާ ނުރައްކަލުގެ ހާދިސާތައް ލަފާކޮށް އެކަމަށް ރައްކާތެރިވުމުގެ ފިޔަވަޅު އަޅާ ބަޔަކަށް ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފްރޭމްވޯކްތަކަށް ރިއާޔަތްކޮށް، އޯޕަން ޑޭޓާ ޝެއަ ކުރުމާއި، މީހުން ބިނާކުރުމާއި، ފުރިހަމަގޮތުގައި ވަސީލަތްތައް ބިނާކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
ފުވައްމުލަކުގެ މޭޔަރު އިސްމާއި ރަފީޤް ވަނީ މި ޕައިލެޓް ޕްރޮޖެކްޓް ގެ ސަބަބުން ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ގުޅުން ހުރި ހާދިސާތަކުން ރައްކާތެރިވުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށެވެ. އެހެންވެ އެ މޮޑެލް ދިރާސާކޮށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ތަޖުރިބާގެ އަލީގައި އެ ސިސްޓަމް އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ވެސް މޭޔަރ އެދިވަޑައިގެންނެވި އެވެ.