Last Updated: June 4, 18:34
Thursday, June 4, 2026
މުނިފޫހިފިލުވުން

އެންޓީއާރްގެ 'ޑްރަގަން' ގެ ޓީޒާއެއް ދައްކާލައިފި

އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ އާ ފިލްމު 'ޑްރަގަން' ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މިއަދު ފާހަގަކުރާ އޭނަގެ 43 ވަނަ އުފަން ދުވަހާ ގުޅުވައިގެން ފިލްމުގެ ޓީމުން ހަދިޔާއެެއްގެ ގޮތުގައި ފިލްމުގެ ޓީޒާ ދޫކޮށްލައި، ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ނިންމި ތާރީހު ވެސް އިއުލާންކޮށްފައިވެ އެވެ. އިންޑިއާގެ މިހާރުގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ޕްރަޝާންތު ނީލް ޑައިރެކްޓްކޮށް ގެނެސްދޭ 'ޑްރަގަން' ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ ޖޫން 11 ގަ އެވެ.

ޕްރަޝާންތަކީ މަޝްހޫރު ކަންޑާނާ އެކްޓަރު ޔާޝްގެ ކޭޖީއެފް ގެ ދެ ފިލްމުގެ އިތުރުން ޕްރަބާސްގެ 'ސަލާރް: ޕާޓް 1-ސީސްފަޔާ ވެސް' ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަ އެންޓީއާރް ހިމަނައިގެން ގެނެސްދޭ ފުރަތަމަ ފިލްމު ޑްރަގަން އަކީ ކުޅަދާނަ އެކްޓަރުގެ ވަރުގަދަ ރޯލެއް އަނެއްކާ ވެސް ފެންނާނެ ފިލްމެކެވެ. މި ފަހުން 'އާރްއާރްއާރް' އާއި 'ދޭވްރާ: ޕާޓް 1' ފަދަ ފިލްމުތަކުން ފެނިފައިވާ އެންޓީއާރްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ބޮލީވުޑް ފިލްމު 'ވޯ 2' އެވެ.

'ޑްރަގަން' އާ އެކު އަންނަ އަހަރު ބެލުންތެރިންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ޑްރަގަންގެ ކާސްޓްގައި އަނިލް ކަޕޫރާއި ބިޖޫ މެނަން އާއި ރުކްމަނީ ވަސަންތު ފަދަ ތަރިން ހިމެނެ އެވެ.