ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ސަރުކާރުން މިހާރު ސަބްސިޑީއެއް ނުދޭ ކަމަށާއި އެ ކުންފުނި ހިންގަނީ އަމިއްލަ ފައިމަތީގައި ކަމަށް ފިޝްރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއަ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ މި ސަރުކާރު އައި ފަހުން މިފްކޯ ހަރުދަނާ ކުރަން މުހިއްމު ގިނަ މަަސައްކަތްތަކެއް ކުރެވި، އެކަމުގެ ނަތީޖާ މިހާރު ފެންނަ ކަމަށެވެ. ޝިޔާމު ވިދާޅުވީ
މިފްކޯ އަކީ ދައުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ކުންފުންޏަކަށްވެ، ރައްޔިތުންނަށް ބުރަބޮޑުވާނެހެން ރައްޔިތުންގެ ޓެކްސް ފައިސާއިން އެ ކުންފުނި ހިންގުމަކީ ކުރެވިގެން ވާނެ ކަމެއް ވެސް ނޫން ކަމަށެވެ.
"އެހެން އެކަން ވެއްޖެ ނަމަ ޓެކްސް ޕެޔަރުން ދައްކާ ޓެކްސް ބޭނުންވޭ ޒިންމާދާރު ގޮތުގައި ބިނާކުރަނިވި ކަންކަމަށް ހޭދަކުރަން. ކަނޑައެޅިގެން މިފްކޯގެ އޮޕަރޭޝަނަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރެވި ނިންމޭ ނިންމުންތަކަކީ މުޅި ސިނާޢަތަށް އަދި މުޅި ޤައުމަށް އަސަރު ކުރާނެ ކަމެއް." އޭނަ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި އިތު މަހުގެ އަގަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން މިފްކޯއަ ށް މަސްގަތުމަށް ސަރުކާރުން ބޮޑު ހޭދައަށް ކުރަން ޖެހުނު ކަމަށެވެ. އަދި މަސް ގަތުމަށް އެ ކުންފުންޏަށް ފިނޭންސް މިނިސްޓްރީން ސަބްސިޑީ ގޮތުގައި ކޮންމެ ކިލޯއަކަށް 13ރ. ރޭޓުން މިފްކޯއަށް ސަބްސިޑީ ދެމުން އައި ކަމަށް ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ އެއީ އަހަރެއްގެ މައްޗަށް 1.1 ބިލިޔަން ރުފިޔާ ކަމަށެވެ. އެކަމަކިު މިހާރު މިފްކޯގެ ހިންގުމަށް ގެނެސްފައިވާ އިސްލާހީ ބަދަލުތަކާ އެކު ސަރުކާރުން އެ ކުންފުންޏަށް ސަބްސިޑީ ނުދޭ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެމި ސިނާޢަތުގައި މިހާރު ދެވޭ ހަމައެކަނި ސަބްސިޑީ އަކީ މަސްވެރިންނަށް ދޫކުރާ ތެޔޮ ކަމަށެވެ. ސަރުކާރުން މަސްވެރިންނަށް ތެޔޮ ގަތުމަށް ސަބްސިޑީ ދިނަސް، މިފްކޯ އަށް އެއްވެސް އެހީއެއް ތެޔޮ ގަތުމުގައި ވެސް ނުދޭ ކަމަށް ވިދާޅުވި އެވެ.
"މިފްކޯއިން އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަންނަނީ އެހެން ކުންފުނިތައްވެސް ގަންނަ ރޭޓުގައި. މިއަދު މިފްކޯ އަށް އެކަން ކުރެވެނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ނެގި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން،" ޝިޔާމު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވާނީ އަބަދުވެސް ދަންނަވާވާހަކައެއް މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އޮޕަރޭޓް ކުރެވޭ ކުންފުންޏަކަށް ހަދަން. އިރާދަކުރެއްވިއްޔާ އެހިސާބުގައި އެއޮތީ."