ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭ މައްސަލައާ ގުޅިގެން އާންމު ކޮމިޓީ ބައްދަލުވެއް މިއަދު ބާއްވަން ތާވަލުކޮށްފި އެވެ.
އެ ބައްދަލުވުން އޮންނާނީ ހަވީރު 4:00 ގަ އެވެ.
އެ ބައްދަލުވުމުގައި ނާޒިމް ވަކިކުރުމުގެ ގަރާރާ މެދު ވާހަކަ ދައްކަވާނެ މެމްބަރުންގެ އަދަދާއި، މެމްބަރުން ވާހަކަ ދެއްކުމަށް ލިބޭނެ ފުރުސަތުގެ ދިގުމިނާއި، ދިފާއުގައި ނާޒިމަށް ލިބޭނެ ފުރުސަތުގެ އަދަދާއި އެ ފުރުސަތުތަކުގެ ދިގުމިން ކަނޑައަޅާނެ އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް އޭނަ ނިސްބަތްވާ ޕާޓީ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނަ މަގާމުން އެ ޕާޓީން ވަކިކުރީ މަޖިލީހުގެ މަސްލަހަތު ނަގައިލަން މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކޮށެވެ.
މަޖިލީހުގެ ގަވާއިދުގައި ވާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން މެންބަރުންގެ ހަތަރުބައިކުޅަ އެއްބައިގެ ސޮޔާއެކުގަ އެވެ. އެއީ 24 މެންބަރުންނެވެ. މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓު ދެއްވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖުމްލަ 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 76 މެންބަރުން ތިއްބަވަ އެވެ.
ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ މެއި 28، 2024 ގަ އެވެ. އޭނަ މަގާމަށް އައްޔަން ކުރަން ފެނޭތޯ ނެގި ވޯޓުގައި 80 ވޯޓު ލިބިވަޑައިގަތެވެ. އޭރު ނާޒިމާއެކު މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދުދީދީ އެވެ. އޭނަ އަށް ވޯޓްގައި ލިބިވަޑައިގަތީ 12 ވޯޓެވެ.
ނާޒިމަކީ 17 ވަނަ ރައްޔިތުގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.