ސްރީ ލަންކާގައި ގަވާއިދާ ހިލާފަށް ހިންގަމުން އައި ޓީވީ/ރޭޑިއޯ ޓްރާންސްމިޝަން ސެންޓަރެއް ފުލުހުން ރެއިޑްކޮށް ރޭ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގައި ހިންގަމުން އައި އައި މީޑިއާ ހައުސް ރެއިޑްކުރީ މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއިން ޓެލެކޮމިއުނިކޭޝަން އިދާރާތަކުގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނެއްގަ އެވެ. އަދި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން އެކަކީ ދިވެއްސެކެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެއީ ކަލުބޯވިލާ ސަރަހައްދުގައި ދިރިއުޅޭ 55 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ސިއްރު މީޑިއާ ސެންޓަރު ހިންގާފައު ވަނީ ޓްރެވަލް ކުންފުންޏެއްގެ ނަމުގަ އެވެ.
އެތަން ރެއިޑްކޮށް ހިންގި އޮޕަރޭޝަނުގައި 50 މިލިއަން ލަންކާ ރުޕީސްގެ އަގުހުރި މުދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި ސެޓެލައިޓް ޑިޝްތަކާއި ގިނަ އަދަދެއްގެ ކޮމްޕިއުޓަރުތަކާއި ސްޓާލިންކް ޔުނިޓެއްގެ އިތުރުން ޓްރާންސްމިޝަނަށް ބޭނުންކުރާ އެހެނިހެން ވަސީލަތްތައް ހިމެނެ އެވެ.
ފުލުހުންގެ ބުނެފައި ވަނީ އެ މީޑިއާ ސެންޓަރު ހިންގަމުން ގޮސްފައި ވަނީ އަމިއްލަ ޓެލެކޮމް ކުންފުންޏެއްގެ ޑޭޓާ ބޭނުންކޮށްގެން ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑްކޮށްގެންނެވެ. އަދި އެ ޗެނަލްތައް ލަންކާ އާއި އެ ގައުމުން ބޭރުގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ގޮސްފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ލަންކާ އަކީ ދިވެހިން އެންމެ ގިނަ އަދަދަކަށް އުޅޭ ގައުމެވެ. އެ ގައުމުގައި އުޅޭ ދިވެހިންގެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ.