Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ޑައިވަރުން މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ފަށައިފި

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ މަރުގެ މައްސަލައިގައި އެ ގައުމުން ޖިނާއީ ތަހުގީގެއް ހިންގަން ނިންމައިފި އެވެ.

ފީނަން ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު ކަނޑު އަޑީގެ ހޮހަޅައިގެ އެންމެ އެތެރެއިިން ފެނިފައިވާ އިރު، ދެ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ނަގައިފަ އެވެ. އަދި އަނެއް ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މިއަދު ކުރިއަށް ދާނެ އެވެ.

ފަސް ޑައިވަރުންގެ ތެރެއިން އިސްޓްރަކްޓަރެއްގެ ގޮތުގައު ހުރި މީހާގެ ހަށިގަނޑު ވަނީ ހާދިސާ ހިނގި ދުވަހު ރާކޮޅު ފެނިފަ އެވެ.

ބާކީ ތިބި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ އިޓަލީން ފޮނުވި ފިންލޭންޑްގެ ޑައިވަރުންތަކެއްގެ އެހީގަ އެވެ.

ޑައިވަރުންގެ މަރުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި އިޓަލީން ބަލަން ނިންމައިވާ އިރު، އިޓަލީގެ ޕްރޮސިކިއުޓަރުން މިހާރު މިއީ އިހުމާލުން ބަޔަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފަ އެވެ. އެގޮތުން ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންގޮސް އޮޓޮޕްސީ ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މި ތަހުގީގުގެ ތެރެއިން އެ މީހުން ގޮވައިގެން ޑައިވިން އަށް ދިޔަ 'ޑިއުކް އޮފް ޔޯކް' ސަފާރީގެ މީހުންނާ ސުވާލު ކުރަން ވެސް ނިންމާފައިވެ އެވެ.

ހާދިސާގައި މަރުވި މީހުން:

* މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
* ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު
* މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
* ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
* ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް

އެ މީހުން ޑައިވިން އަށް ދިޔަ ހޮހޮޅައިގެ ތެރޭގައި ތާށިވި ހާދިސާ އަށް ފަހު، ހޯދަން ކުރި މަސައްކަތުގެ ތެރޭގައި ދުވެގި ސިފައިންގެ ޑައިވަރަކު ވަނީ މި މަހުގެ 16 ވަނަ ދުވަހު ނިޔާވެފަ އެވެ. އެއީ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ އެވެ.

މި ހާދިސާ އަކީ މުޅި ދުނިޔޭގެ މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައިވާ ހާދިސާއެކެވެ.