ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ މި އަހަރު ފެންނާނެ ދެވަނަ ފިލްމު 'ވައިބް' ގެނެސްދޭ ތާރީހު އިއުލާންކޮށްފި އެވެ.
ސެޕްޓެމްބަރު 18 އަށް ތާވަލުކުރި މި ފިލްމަކީ އެކްޓަރު ކުނާލް ކޭމޫ ލިޔެ/ޑައިރެކްޓްކޮށް ގެނެސްދޭ ދެވަނަ ފިލްމެވެ. ޕްރިތީގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ 'ކިޔާ ކެހެނާ' އާއި 'ކަލް ހޯ ނަ ހޯ' ގެ އިތުރުން 'ސަލާމް ނަމަސްތޭ' ގެ ބަތަލު ސައިފް އަލީ ޚާންގެ ޅިޔަނު ކުނާލްގެ ފުރަތަމަ ޑައިރެކްޝަނަކީ 2024 ގެ ކްރައިމް ކޮމެޑީ 'މަދުގާއޯ އެކްސްޕްރެސް' އެވެ.
އޭނަ އަކީ ސައިފްގެ ކޮއްކޮ، ބަތަލާ ސޯހާ އަލީ ޚާންގެ ފިރިމީހާ އެވެ.
'ވައިބް' ގެ ކާސްޓްގައި ވެސް ކުނާލް ހިމެނޭ އިރު، މީގެ މައިގަނޑު ރޯލުތަކުން ދެން ފެންނާނީ ޕްރިތީ އާއި ސްޕާޝް ޝްރިސްވާސްގެ އިތުރުން އަލަށް ތައާރަފުކުރާ ވަންޝިކާ ދީރް އެވެ.
ގިނަ ދުވަސްތަކެއް ފަހުން ޕްރިތީ މި އަހަރު ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަކީ އޮގަސްޓް 13 އަށް ތާވަލުކޮށްފައި އޮތް ސަނީ ޑިއޯލްގެ 'ލާހޯރް، 1947' އެވެ. މިއީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ލޯތްބެއް ހޯދި ޕްރިތީ، 51، އެންމެ ފަހުން ފެނިފައި ވަނީ ސަނީގެ 2018 ގެ 'ބެއްޔާޖީ ސުޕަހިޓް' އިންނެވެ.