އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު އިޓަލީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ އެކި ނަންގަވާފައިވާ ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
މޯދީގެ އިސްޓަގްރާމާއި ފޭސްބުކް ޕޭޖްގައި އެ ފޮޓޯތައް މިއަދު ހިއްސާ ކުރެއްވުމާ އެކު، ގިނަ ބަޔަކު ކޮމެންޓް ކުރައްވައި ދެބޭފުޅުން އަޅުވާކިޔާފައިވެ އެވެ. ފޮޓޯތަކުގައި ފެންނަނީ އިމާރާތެއްގެ ބެލްކަނީގައި "ވަރަށް ގާތްކޮށް އުފާވެރި ވަގުތުކޮޅެއް" ދެ ވެރިން ހޭދަކުރައްވާ ތަނެވެ.
އެގޮތުން ދުރުން ފެންނަ މަންޒަރުތައް އެއް ބޭފުޅަކަށް ދައްކަވާ ތަން ފޮޓޯތަކުން ފެނެ އެވެ.
މި ފޮޓޯތަކަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވަނީ ފޮޓޯތަކުން މިއީ މޯދީގެ ރަސްމީ ދަތުރެއްގެ ފާޑު ނެތް ކަމަށެވެ. އަދި ފޮޓޯތަކުން ސިފަވަނީ ލޯބިވެރިންގެ ފާޑު ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް މީހުން ބުނީ އުމުރުގައި ތަފާތެއް ހުއްޓަސް މޯދީ، 75، އާއި މެލޯނީ، 49، ގެ ޖޯޑު ވަރަށް ގުޅޭ ކަމަށެވެ.
ފޮޓޯތަކަޑށް ބައެއް މީހުން ކުރި ކޮމެންޓްތަކުގައި މި ފޮޓޯތަކީ ދެ ބައިވެރިއެއްގެ ކައިވެނީގެ ތައްޔާރީތަކުގެ ތެރެއިން ނަގާފައިވާ ޕްރީ-ވެޑިން ފޮޓޯޝޫޓަކާ ވެސް ވައްތަރު ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ބައެއް މީހުން ކުރި ކޮމެންޓްތަކުގައި "ޗިކުންނާ އެކު މޯދީ އެންޖޯއި ކުރައްވާ" ކަމަށް ވެސް ބުނެ، އެކި ކަހަލަ ކޮމެންޓްތައް ދޫކޮށްލާފައިވެ އެވެ.
މޯދީގެ އިޓަލީ ދަތުރަކީ ޔޫރަޕްގެ ފަސް ގައުމަކަށް ކުރައްވާ ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމެވެ. މި ދަތުރުގައި ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހި ކުރަން މަޝްވަރާ ކުރަން ހަމަޖެހިފައިވެ އެވެ.
މޯދީ އާއި މެލޯނީގެ ގުޅުމުގެ ތެރެއިން ޓޮފީ ޕެކެޓެއް ހަދިޔާ ކުރެއްވުމުން މެލޯނީ ޝުކުރު އަދާކުރައްވައި ދެ ބޭފުޅުން ހިނިފުޅުވަޑުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.