ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީ ޑައިވަރުންގެ ތެރެއިން ބާކީ ތިބި ދެ މީހުންގެ ހަށިގަނޑުތައް ވެސް ނަގައިފި އެވެ.
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ފަސް ޓޫރިސްޓަކު ގެއްލިގެން ފުލުހުންނާއި އެމްއެންޑީއެފަށް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހާދިސާގައި މަރުވި މީހުންނަކީ:
* މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
* ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު
* މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
* ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
* ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް
މި ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވީނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރު ފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާއެކު އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލި އެވެ.
އަދި އަލުން އޮޕަރޭޝަން ފެށީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގަ އެވެ. އަދި ކުރެވުނު މަސައްކަތުން ގެއްލުނު މީހުންގެ ހަށިގަނޑުތައް ލޮކޭޓްކޮށް، ދެ މީހެއްގެ ހަށިގަނޑު އިއްޔެ ނަގާފައިވެއެވެ. މިއަދު ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވަނީ ނަގައިފަ އެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން އަންނަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.