Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

ޓޫރިޒަމް ސިނާއަތަށް 500 މިލިއަންގެ ގެއްލުމެއް ނުވޭ

މެދުއިރުމަތީގައި ހަނގުރާމައާ ގުޅިގެން ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނަމާއަރަށް 500 މިލިއަން ޑޮލަރު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނާ ވާހަކަތައް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ދޮގު ކުރައްވައިފަ އެވެ.

ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތަށް އެވަރުގެ ގެއްލުމެއްވެފައިވާ ކަމަށް ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސްގެ ޖަމިއްޔާ (މަޓާޓޯ) އާއި ގެސްޓްހައުސްތަކުގެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އެހެންވެ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް ދާދި ފަހުން އެދިފައިވެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އޭނަ ވިދާޅުވީ ހަނގުރާމައިގެ ހާލަތުގައި ސިނާއަތަށް ލިބެމުންދާ ގެއްލުންތައް ބަލައި ދިރާސާކުރަމުން އަންނަ ކަމަށެވެ.

"ކޮންމެ ފަދަ ނަންބަރެއް ޖެހިވެސް ދާނެ. އަޅުގަނޑުމެންނަކަށް އެއްވެސް ކަހަލަ ހިސާބުކިތާބަކުންނެއް އަދި ނެތް އެ އަދަދަށް ގެއްލުންވިކަން އެނގޭކަށް،" އަމީން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ވުޒާރާ އިން ވެސް އެއީ ކިހިނެއް އައިސްގެން އުޅޭ ނަންބަރެއްތޯ އެބަ ބަލަން، ބައެއް ޑިޕާޓްމަންޓަކުން މިހާރު ވެސް އެބަ މަސައްކަތް ކުރަމުންދޭ."

އޭނަ ވިދާޅުވީ މި ހާލަތުގައި ޓޫރިޒަމް ދާއިރާ ހިމެނޭހެން ހުރިހާ ދާއިރާއަކަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.