ސަރުކާރުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި މިއަދު ހުޅުވައިފި އެވެ.
"ސްޓޭޓްފާމާ އައިޖީއެމްއެޗް ފާމަސީ" ހުޅުވާފައި ވަނީ އައިޖީއެމްއެޗްގެ އޯޕީޑީ އޭރިއާގަ އެވެ.
އެތަން ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރެވެ.
ބޭސް ކުންފުނިން ބުނީ އައިޖީއެމްއެޗްގައި ހުޅުވި، މި ފާމަސީއަކީ 24 ގަޑިއިރު ޚިދުމަތް ލިބޭނެ ތަނެއް ކަމަށެވެ. އެތަނުން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައި ދިނުމުގެ ޚާއްޞަ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވެ އެވެ.
ސްޓޭޓް ފާމާގެ މައިގަނޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން އެ ކުންފުނިން އަންނަނީ ރައްޔިތުންގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އައިޖީއެމްއެޗްގައި ބޭސް ކުންފުނީގެ ފާމަސީއެއް ހުޅުވި އިރު އެސްޓީއޯގެ ދަށުން ހިންގަމުން ހުރިހާ ފާމަސީތައް އަންނަ ޖުލައި މަހުން ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށް ނިމޭނެ އެވެ. އަދި ސަރުކާރުގެ ހުރިހާ ފާމަސީއެއްގެ ބޭހުގެ ސްޓޮކް ބެލޭނެ ޑިޖިޓަލް ނިޒާމު މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ގާއިމު ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.