Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ މެދުކަނޑާލައިފި

މަސްވެރިކަން ކުރާ ދޯންޏެއް- ފޮޓޯ: މިފްކޯ

ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އިނގިރޭސި ސަރުކާރުން މިއަދު މެދުކަނޑާލައިފި އެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރަން ދައްކަމުން އައި 20 އިންސައްތައިގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑޭނެ އެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އަދި، މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިނގިރޭސި ސަރުކާރުން ނިންމެވި މި މުހިންމު ނިންމެވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެއަކީ، ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އިސްކަންދޭ، ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ދޮށީގެ މަސްވެރިކަމުގެ ނަމޫނާ ޤައުމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.