ހުއްދަނެތި ވިއްކާ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމުކޮށްފި އެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ ރާއްޖެއަށް އިމްޕޯޓްކުރާ ބޭސް ތަކަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ އެއްގޮތައް ރަޖިސްޓްރީކޮށް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަކަށްވާން ވާނެ ކަމަށާއި ނަމަވެސް ބޭސް އެތެރެކުރުމުގެ ހުއްދަނެތް ފަރާއްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށް އެކިއެކި އޮންލައިން ޕްލެޓްފޯރމް ތަކުގައި އަދި އާދައިގެ ފިހާރަތަކުގައިވެސް މިފަދަ ބޭސްތައް ވިއްކަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ތަކެއްޗަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވައްތަކެއް ނޫންކަމަށާއި އަދި ރަޖިސްޓްރީ ނުކުރާ މިފަދަ ބާއްވައްތަކަކީ އެއްވެސްގޮތަކަށް އޭގެ ފެންވަރާއި ރައްކާތެރިކަންވެސް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އެހެންކަމުން މިފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ބުނެފަ އެވެ.
— MFDA (@MFDA_mv) May 20, 2026
މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވައްތައް އިމްޕޯޓްކޮށް ވިއްކުމުން އެބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާފަދަ ބޮޑެތި ސިއްހީ ނުރައްކަލަކާ ކުރިމަތިލާންޖެހުމަކީ ވަރަށް ގާތުގައި އޮތްކަމެއްކަން ފާހަގަކުރައްވާ އެމްއެފްޑީއޭއިން ބުނީ މިގޮތަށް ރަޖިސްޓްރީނުކޮށް އިމްޕޯޓްކޮށް އޮންލައިން ޕްލެޓްފޯރމް ތަކާއި އާދައިގެ ފިހާރަތަކުގައި އެންމެ ގިނައިން ވިއްކަމުންދާކަމަށް މިވަގުތު 21 ބޭހެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީގައި ހުއްދަނެތި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ އޮންލައިން ޕްލެޓްފޯރމްތައް އަދި އާދައިގެ ފިހާރަތަކައް ބޭހާއި ބޭހުގެ ޤަވައިދު އަދި ސިއްހީ ހިދުމަތް ދިނުމުގެ ޤާނުނު ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.