Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

އޭ އެލެވް އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ހައި ސްކޫލްގެ ދަރިވަރުންތަކެއް.

ސަރުކާރު ސްކޫލުތަކުގައި މަތީސާނަވީ އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އެގޮތުން އަންނަ މަހު ފަށާ އޭ ލެވެލް އިންޓޭކާއި ބީޓެކް އިންޓޭކްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ.

ސަރުކާރު ސުކޫލްތަކުގައި މަތީ ސާނަވީއަށް ވަދެވެނީ މިދިޔަ އަހަރުގެ ނިޔަލަށް 16 އަހަރު ފުރި 17 އަހަރު ނުފުރޭ ދަރިވަރުންނަށެވެ. އެ އުމުރު ހަމަވި ނަމަވެސް މަދަރުސީ ނިޒާމުގެ ތެރެއިން ގްރޭޑް 10 ނިންމައި، ގްރޭޑް 11 އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ގްރޭޑް 11 އަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންނަށް ވެސް އޭ ލެވެލްގައި ކިޔެވުމުގެ ފުރުޞަތު އޮންނާނެ އެވެ.

އޭ ލެވެލް އަށް ވަނުމުގެ އެކަޑަމިކް ޝަރުތުތަކުގައި އެސް.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް، އައި.ޖީ.ސީ.އެސް.ސީ އިމްތިހާނު، އަދި ބީޓެކްގެ ނަތީޖާއަށް ބަލާނެ އެވެ. މިގޮތުން 3 މާއްދާއިން ފެށިގެން 5 މާއްދާއާ ހަމައަށް ފާސްވާ ދަރިވަރުންނަށް އޭ ލެވެލްގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވެ އެވެ. އަދި އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން ސާނަވީ އިމްތިހާން ހަދާ ދަރިވަރިން ސާނަވީ ނިންމާ އިމްތިހާނުތަކުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ދަރިވަރުންނަށްވެސް އޭ ލެވެލްގައި ބައިވެރިވެވޭނެ އެވެ.

މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ވަނީ ޕައިލެޓް ޕްރޮގްރާމްއެއް ވެސް ފަށައިފަ އެވެ.