ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް މަރުވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މަރުވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރި ގޮތް ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މަހުދީގެ މަރަށް ފަހު އޮޕަރޭޝަން މެދުކަނޑާލި ނަމަވެސް ފިންލޭންޑުގެ ތަޖުރިބާކާރުންނާ އެކު އަލުން އެ އޮޕަރޭޝަން ފަށައި ގެއްލުނު މީހުންގެ ހަށިތައް މިހާރު ވަނީ ހޮހޮޅައިން ނަގާފަ އެވެ.
އެމްއެންޑީއެފުން ބުނީ މަހުދީ ފާހަގަކުރެވިފައިވަނީ 19 ޑިސެމްބަރު 2005ގައި ސިފައިންގެ މަތިވެރި ގައުމީ ހިދުމަތާ ގުޅުނު ދުވަހުން ފެށިގެން ވެސް އަމިއްލަ ނަފުސަށް ވުރެ ގައުމީ ހިދުމަތް އިސްކުރެއްވި، ހުޝިޔާރު، ކެރޭ، ހީވާގި، ނަމޫނާ ސިފައިންގެ ބޭކަލަތެއްގެ ގޮތުގައި ކަމަށެވެ.
ވަކިން ހާއްސަކޮށް ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާފައިވާ ބޮޑެތި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ކޯސްޓްގާޑުގައި ހުރި އެންމެ ހުނަރުވެރި އެންމެ ގާބިލު އެއް ޑައިވަރުގެ ގޮތުގައި މަހުދީ ދައްކުވައިދެއްވާފައިވާ ހިތްވަރާއި، ކެރުމާއި އަދާކުރައްވާފައިވާ ދައުރަކީ އެންމެހާ ސިފައިން ފަހުރުވެރިވާ މަތިވެރި ގައުމީ ހިދުމަތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަހުދީ، ރާއްޖެ އާއި ރާއްޖެއިން ބޭރުން ޑައިވިން ދާއިރާއިން ފުރިހަމަކޮށްފައިވާ ތަމްރީނުތަކާއި ހޯދާފައިވާ ކުރިއެރުންތަކާއި، ވަކިން ހާއްސަކޮށް ފުން ސަރަހައްދުތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގަންޖެހޭ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް އަމާޒުކޮށް ޓެކްނިކަލް ޑައިވަރުން އުފެއްދުމަށް ކުރިއަށްގެންދާ ތަމްރީނުގައި ބައިވެރިވެ ދައްކުވައިދެއްވި ނަމޫނާއަކީ އޭނާގެ ހިތުގައި ގައުމީ ވާޖިބާއި އިންސާނިއްޔަތަށްޓަކައި އަދި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އޮތް ލޯތްބާއި އެކަމަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް ހާމަވާ އަލިގަދަ ދަލީލެއް ކަމަށްވެސް ބުނެފައިވެ އެވެ.