މަސްވެރިކަމުގެ ސިނާއަތުގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް މި ސިނާއަތަށް އިންވެސްޓު ކުރުމަށް ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީވެސް ބޮޑެތި އިންވެސްޓްމަންޓު އަންނަން ޖެހޭ ސިނާއަތެއް ކަމަށެވެ. އެހެން ނަމަވެސް މި ސިނާއަތް މިހާ ބޮޑަށް ބޮއްސުންލައިގެން ދިޔައީ މި ސިނާއަތަށް ކުރީ ސަރުކާރުތަކުން އިންވެސްޓު ނުކުރުމުން ކަމަށާއި އެއީ ކުރަންޖެހޭ ކަމެއްކަންވެސް ގަބޫލުނުކުރާ ކަމަށެވެ.
"މަސްވެރި ސިނާއަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވޭތުވެދިޔަ ސަރުކާރުތަކުން މި ސިނާއަތް ތަރައްގީ ކުރުމަށް އިންވެސްޓު ނުކޮށް އޮތް އޮތުން. މި ސިނާއަތަށް ކުރަންޖެހޭ ހޭދަ ނުކުރެވި ހުރީމަ ގައުމަށް ވަންނަން ޖެހޭ އާމްދަނީ ނުވަދެ ދިޔައީ، މަސްވެރި ސިނާއަތަށްވެސް ބޮޑެތި އިންވެސްޓްމަންޓް އަންނަން ޖެހޭ. މި ސަރުކާރުން ބޭނުންވަނީ މަސްވެރި ސިނާއަތް ތަރައްގީކޮށް މަސްވެރިންގެ ޖީބުތައް ތަނަވަސްކުރަން،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އާމްދަނީ އިތުރުކުރެވޭނީ ފެލިވަރުގޮތަށް އަގު އެއް ކުރެވޭނެ ތަންތަން ހެދިގެން ކަމަށެވެ.
އެކަންކަން ހައްލުކުރުމުގެ މަގްސަދުގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިމާ ބަނދަރުގެ މަސައްކަތް ކުރަމުންދާކަމަށާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭ އެ މަޝްރޫއުތައް ނިންމާ ހިދުމަތް ދޭން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަގު އެއް ކޮށްގެން މަހަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މަސްވެރިކަމަށް މިކުރެވޭ އިންވެސްޓްތަކަކީ މުސްތަގުބަލަށް ކުރެވޭ މަސައްކަތްތައް ކަމަށެވެ. މަސްވެރިންގެ ދިރިއުޅުން ތަނަވަސްވާނެ ގޮތްތަކަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.