Last Updated: July 11, 11:51
Saturday, July 11, 2026
ކުޅިވަރު

އެސްޓަންވިލާ އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ޖަރުމަނުގެ ފްރެއިބާގް 3-0 އިން ބަލިކޮށް އެސްޓަންވިލާ އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ 1982 ވަނަ އަހަރަށް ފަހު ޔޫރަޕްގެ ތަށްޓެއް އެސްޓަންވިލާ އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ވިލާއިން އެންމެފަހުން ކާމިޔާބުކުރި ޔޫރަޕްގެ ތަށްޓަކީ ބަޔާން މިއުނިކް ބަލިކޮށް ނެގި ޔޫރަޕިއަން ކަޕެވެ. އަދި މިއީ 1996 ވަނަ އަހަރަށް ފަހު ވިލާއިން ކާމިޔާބުކުރި ފުރަތަމަ ތަށިކަން ވެސް ފާހަގަކޮށްލެވެ އެވެ.

ތުރުކީގައި ރޭ ކުޅުނު ފައިނަލް މެޗުގެ 41 ވަނަ މިނެޓްގައި ވިލާއަށް ލީޑު ނަގައިދިނީ ޔޫރީ ޓީލަމެންސް އެވެ. މިއީ ފްރެއިބާގްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އެމީ ބުއެންޑިއާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ، ވިލާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިފަ އެވެ. ބުއެންޑިއާ މި ގޯލު ކާމިޔާބުކުރީ ފްރެއިބާގްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ވިލާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މޯގަން ރޮޖާސް އެވެ. މި ގޯލަށް ފަހު ވެސް ދެވަނަ ހާފުގައި ވިލާއަށް ވަނީ ގޯލުޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިބިފަ އެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާ އެސްޓަންވިލާ އަށް ކުރިއަށް ދެން އޮތީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހު މެޗެވެ. އެ މެޗުގައި އެސްޓަންވިލާ ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.