ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭނަށް އެ ޕާޓީގެ އިސް ބޭފުޅުންތަކެއް އައްޑު އަށް ވަޑައިގެންފި އެވެ.
އިއްޔެ ހަވީރު އައްޑު އަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހިމް އަބްދުﷲ އެވެ. އެ ޓީމުގައި ދެން އިސްކޮށް ތިއްބެވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލެވެ.
މި ބޭފުޅުންގެ މި ދަތުރުގައި ސޮޑާ އަށް ތާއީދު ހޯދަން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައިި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 6 ގަ އެވެ. މި އިންތިހާބުގައި ސޮޑާ އެކު ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އޭނަ ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން މެންބަރަކަށް ހުންނެވި މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި މިދިޔަ މަހުގެ 12 ގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ.