Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

އައްޑޫ ލިންކް ރޯޑް ހަދަން ތައްޔާރު ވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން ބާއްވާ ދުވަސް ކައިރިވާން ފެށުމުން އައްޑޫ ލިންކް ރޯޑް ތަރައްގީ ކުރަން ކުރިއަށް ގެންދަން މި ސަރުކާރުން ނިންމާފައި އޮތް މަޝްރޫއާ ގުޅޭ ބައެއް މަސައްކަތްތައް ތިލަވެ، އެކަމުގެ ވާހަކަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދައްކަން ފަށައިފި އެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ފޮޓޯތަކަކާ އެކު ބުނީ މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް މަގުގައި ހުރި ބައެއް ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން މި މަޝްރޫއާ ގުޅޭ ސާވޭ ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ އެ ކުންފުނިން ބުނެފައިވެ އެވެ.

ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީ ކުރަން މި ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 8،ގަ އެވެ. އަދި އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.

އާރްޑީސީއާ ލިންކް ރޯޑް ތަރައްގީ ކުރަން ހަވާލުކުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ. އެގޮތުން ލިންކް ރޯޑްގެ ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނެހެދި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސް 67.58 ކިލޯމީޓަރުގައި ތާރު އަޅަން އޮތީ ނިންމައިފަ އެވެ.

އެކަމަކު މި މަޝްރޫއު ހަވާލުކުރިތާ އަހަރަކަށޑް ވުރެ ގިނަ ދުވަސްވީ އިރު ވެސް މަގު ހެދުމާ ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިހާރު މި ދަނޑިވަޅުގައި މި މަޝްރޫއާ ގުޅޭ ބައެއް މަސައްކަތްތައް ކުރަން ފެށީ ބައި-އިލެކްޝަނެއް ބޯމަތިވެފައި އޮތުމުން، އެކަމަށް އަމާޒުކޮށްގެން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 6 ގަ އެވެ. އޭގައި ވާދަކުރައްވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.