ހއ. ބާރަށުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުން އެމްޓީސީސީން ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާފައިވާތީ 550،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ބުނީ އެ ކުންފުނިން އެކަން ކޮށްފައި ވަނީ، ބާރަށު ކައުންސިލްގެ އެދުމުގެ މަތިން ކުންފުނީގެ ސީއެސްއާރުގެ މަސައްކަތެއްގެ ގޮތުގައި 2023 ވަނަ އަހަރު ކަމަށެވެ. އެގޮތުން މަު ފުޅާކޮށް ސާފުކުރުމުގެ ގޮތުން އެ ކުންފުނިން ކަނޑާފައި ވަނީ، ބާރަށު ކުޅި އާއި ފާ އަދި ޗަސްބިން ސަރަހައްދުގައި ހިމެނޭ ރުއްގަހެވެ.
އީއާރްއޭ އިން ބުނީ އެ މައްސަލަައާއި ގުޅިގެން އެއްކުރެވުނު މައުލޫމާތާއި އެ ރަށަށް ޒިޔާރަތްކޮށް، ކުރި އިންސްޕެކްޝަނުގެ ތެރެއިން ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޭރުން ވެސް ގަވާއިދާ ޚިލާފަށް ރުއްގަސް ކަނޑާފައިވާކަން ފާހަގަވި ކަމަށެވެ. އެހެންކަމުންވެ އެމްޓީސީސީ 550،000ރ. ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ މިދިޔަ އަންގާރަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެ ކުންފުންޏަށް އަންގާފައިވެ އެވެ.
އީއާރްއޭ އިން ބުނި ގޮތުގައި އެ ފައިސާއަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 500،000ރ. އާއި ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 50،000ރ. ކަމަށެވެ.
ބާރަށުން ރުއްގަސް ކެނޑި މައްސަލާގައި އެމްޓީސީސީ ޖޫރިމަނާ ކުރިއިރު، މީގެ ކުރިން އެފަދަ މައްސަލައެއްގައި އެ ރަށު ކައުންސިލް ވެސް ޖޫރިމަނާކޮށްފައިވެ އެވެ.