ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާއާ އެކު އާމިރު ޚާން މަސައްކަތް ކުރަން ހަމަޖެހިފައިވާ އާ ފިލްމުގެ ރޯލަކަށް ފަރުހާން އަހްތަރު ގެންނަން މަސައްކަތް ކުރަމުން އަންނަ ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ 2001 ގެ "ލަގާން" ގެ ޑައިރެކްޓަރު ހަދަން ނިންމާފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. އެގޮތުން ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތީ އިންޑިއާގެ ކުރީގެ ކްރިކެޓް ލެޖެންޑް ލާލާ އަމަރުނާތުގެ ހަޔާތުގެ މައްޗަށެވެ. ދެހާސް ވަނަ އަހަރު މަރުވި ލާލާ އަމަރުނާތަކީ އިންޑިއާގެ ފުރަތަމަ ކްރިކެޓް ކެޕްޓަން ވެސް މެ އެވެ.
ޕިންކްވިލާ އިން ބުނީ އާމިރު ފިލްމުގެ ޓައިޓްލް ރޯލު ކުޅެން ހަމަޖެހިފައިވާ އިރު، ފަރުހާނަށް ހުށަހަޅާފައި ވަނީ އޭނަގެ ގާތް އެކުވެރިޔާގެ ރޯލު ކަމަށެވެ. ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަޝުތޯޝް އަދި މިހާތަނަށް ރަސްމީކޮށް ހިއްސާ ނުކުރާތީ ފިލްމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ކަށަވަރެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ބައޯޕިކްގެ ސްކްރީންޕްލޭގައި އާމިރުގެ "3 އިޑިއަޓްސް" އާއި "ޕީކޭ" ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވެސް ހިއްސާވެ އެވެ. އޭނަ އޮތީ އާމިރާ އެކު "3 އިޑިއަޓްސް" ގެ ސީކްއެލް އާއި އިންޑިއާގެ ސިނަމާގެ ބައްޕަ ދާދާސާހެބް ޕާލްކޭގެ ބައޮޕިކް ވެސް ހަދަން ޕްލޭންކޮށްފަ އެވެ.
އާމިރާއި ފަރުހާން އެކީގައި ފިލްމަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ފަރުހާން ޑައިރެކްޝަނަށް ނުކުތް ފިލްމު ކަމަށްވާ 2003 ގެ "ދިލް ޗާތާ ހޭ" ގެ ލީޑް އެއް ބަތަލަކީ އާމިރުކަމެވެ. އޭގެ ފަހުން ފަރުހާންގެ ކުންފުނި، އެކްސެލް އެންޓަޓައިންމަންޓްގެ އިތުރު ފިލްމުތަކެއްގައި ވެސް އާމިރު މަސައްކަތްކޮށްފައިވެ އެވެ.
ފަރުހާން އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ ހަނގުރާމަ ފިލްމު "120 ބަހާދޫރް" އެވެ. އޭނަ މި ފަހުން ޑައިރެކްޓް ކުރަން ދެ ފިލްމެއް އިއުލާންކުރި ނަމަވެސް އެއިން އެއްވެސް ފިލްމެއްގެ މަސައްކަތެއް މިހާތަނަށް ފެށިފައެއް ނުވެ އެވެ. އެއީ "ޑޮން" 3 އާއި "ޖީ ލޭ ޒަރާ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލަގާން އަށް 25 އަހަރު ފަހުން އާމިރާ އެކު އަޝުތޯޝް ހަދަން ނިންމާފައިވާ ފިލްމުުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. ޖޯދާ އަކްބަރް އާއި ސްވަދޭސް ވެސް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ޕާނިޕަތު" އެވެ.