ފުރަން ދިޔަ މީހަކު ގެންދިޔަ ޕެކޭޖަކާ ހެދި ބިރުވެރިކަން އުފެދި އޮސްޓްރޭލިއާގެ މެލްބަންގެ އެއާޕޯޓެއްގެ ޑޮމެސްޓިކް ދަތުރުތަކަަށް ބުރޫ އަރައި، ފްލައިޓްތަކެއް މިއަދު ކެންސަލް ވެސް ކުރަން ޖެހިއްޖެ އެވެ.
މީޑިއާތަކުން ބުނީ މިކަން ދިމާވީ މެލްބަންގެ އެވަލޮން އެއާޕޯޓްގައި ކަމަށެވެ.
އެގޮތުން އެތަނަށް ފުރަން ދިޔަ މީހަކު ގެންދިޔަ ޕެކޭޖަކާ މެދު ސެކިއުރިޓީ ޗެކިންގައި ޝައްކުތަކެއް އުފެދި، އެއީ ބޮމެއް ކަމަށް ބެލެވި އެކަން ފުލުހުންގެ ބޮމުގެ ސްކޮޑަށް ގުޅާފައިވެ އެވެ. އަދި އެ ޓީމުން އައިސް އެ ޕެކޭޖަކީ ކޯޗެއްތޯ ބަލަން ކުރި މަސައްކަތުން އެނގުނީ އޭގައި އޮތީ ގައިން އިސްތަށިތައް ބަލަން ބޭނުން ކުރާ ލޭޒާ ޑިވައިސްއެއްގެ އިތުރުން ހޮޓް ޗޮކްލެޓް ފޮއްޓެއް ކަމަށެވެ.
މިކަމާ ގުޅިގެން ޕެކޭޖް ގެންދިޔަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އޭނައާ މެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
އެއާޕޯޓާއި ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ބުނީ މި ހާދިސާއާ ގުޅިގެން އެއާޕޯޓް ޑޮމެސްޓިކް ދަތުރުތަކަށް ބުރޫ އަރައި އެތައް ގަޑިއަކަށް ފުރަން ދިޔަ މަޑުކުރަން ޖެހުނީ ޝައްކުތަކެއް އުފެދުނު ޕެޖޭކް ގެންދިޔަ މީހާގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން އެކަށިގެންވާ ގޮތަށް ލިބިފައި ނުވާތީ ކަމަށެވެ.
އެ ޕެޖޭކް ގެންދިޔަ މީހާ އަކީ މެލްބަން އަށް ނިސްބަތްވާ މީހެކެވެ.