ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި ވެސް ޕެންޝަން ފަންޑެއް އުފެއްދުމުގެ އެންމެ މުހިންމު މަޤްޞަދަކީ ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރާ ދުވަހު، އެމީހުންގެ މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މިއީ ވަކި ޚާއްޞަ ޤާނޫނެއްގެ ދަށުން، ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން ބިނާކުރެވިފައިވާ ނިޒާމެކެވެ.
މި ނިޒާމުގެ ތެރެއިން ވަޒީފާ އަދާކުރާ ކޮންމެ މީހެއްގެ މުސާރައިން ޖުމްލަ 14 އިންސައްތަ ކޮންމެ މަހަކު ޕެންޝަން ފަންޑަށް ޖަމާކުރެވެ އެވެ. މި 14 އިންސައްތަ ހަމަޖެހިފައި ވަނީ ވަޒީފާ އަދާކުރާ މީހާގެ މުސާރައިން އުނިކުރާ ހަތެއް އިންސައްތަ އާއި، ވަޒީފާދޭ ފަރާތުން އެ މުވައްޒަފެއްގެ ނަމުގައި އިތުރަށް ޖަމާކޮށްދޭ ހަތެއް އިންސައްތައިގެ މައްޗަށެވެ.
މި ފައިސާއަކީ އެމީހަކު ކުރާ ބުރަ މަސައްކަތުގެ އުޖޫރައިގެ ބައެކެވެ.
މީގެ އަސްލު ބޭނުމަކީ، މުވައްޒަފު ދޮށީ ޢުމުރަށް ދިއުމުން، އަމިއްލަ ފައިމައްޗަށް ތެދުވެ ހުރުމުގެ ޤާބިލުކަން ނެތް ދުވަހު، "ވަޒީފާގެ ޕެންޝަން"ގެ ގޮތުގައި އެ ފައިސާގެ މަންފާ އޭނާއަށް ލިބިދިނުމެވެ.
މިއީ ދޮށީ ޢުމުރުގެ މީހުންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުންނާއި ރައްޔިތުން ގުޅިގެން ކުރާ މުހިންމު އިންވެސްޓްމަންޓެކެވެ.
ރާއްޖެ ފަދައިން ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެސް ޕެންޝަން އުމުރަކީ 65 އަހަރެވެ. މި ޤައުމުތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ، ޕެންޝަން އުމުރު ހަމަވުމަށް ފަހު ވެސް މުވައްޒަފަކު ވަޒީފާގައި ކުރިއަށްދާ ން ބޭނުން ނަމަ، ކުރީގެ މުސާރައާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމެވެ. މި ހާލަތުގައި، ވަޒީފާގެ މުސާރައިގެ އިތުރުން މަހުން މަހަށް ލިބެން ޖެހޭ ޕެންޝަން ފައިސާ ވެސް އެ މީހަކަށް ލިބެއެވެ. ބައެއް މީހުން ޕެންޝަން އުމުރު ހަމަވުމުން ވެސް ވަޒީފާގައި ދެމިތިބެނީ، ޕެންޝަން ފަންޑަށް ފައިސާ އިތުރުކޮށް، ކުރިއަށް އޮތް ތަނުގައި ލިބޭނެ އިނާޔަތް ބޮޑުކުރުމުގެ މަގުސަދުގަ އެވެ.
ޕެންޝަން ފަންޑަކީ އެއްގޮތަކަށްވެސް ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން ހުންނަ ސަރުކާރުގެ ކުންފުންޏެއް ނޫނެވެ. އެއީ މުސްތަޤިއްލު އިދާރާއަކުން ބަލަހައްޓާ، ރައްޔިތުންގެ އަމާނާތެކެވެ. އެހެންކަމުން، އެ ފަންޑުގައި ޖަމާކުރެވިފައި ހުންނަ ރައްޔިތުންގެ ފައިސާ ސަރުކާރުގެ އެކި ކަންކަމަށް ނުވަތަ ބަޖެޓުގެ ދަރަނި ފޫބެއްދުމަށް ބޭނުން ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ.
ޕެންޝަނަށް ދޭން ޖެހޭ ފައިސާ އަށް އެއްވެސް އުނިކަމެއް ނާންނާނެހެން، ފަންޑުގައި ހުންނަ އިތުރު ފައިސާ ފައިދާހުރި އަދި އަނބުރާ ލިބޭނެކަން ޔަގީންވާ ކަންކަމުގައި އިންވެސްޓްކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ފަންޑު އިތުރަށް މުއްސަނދިވެ، ޕެންޝަނަރުންނަށް ލިބޭ ފައިދާ ބޮޑު ވާނެ ކަމެކެވެ.
ނަމަވެސް، ސަރުކާރުގެ ރިކަރެންޓު ޚަރަދުތައް ބެލެހެއްޓުމަށާއި، މުވައްޒަފުންގެ މުސާރަ ދިނުމަށް ޕެންޝަން ފަންޑުގެ ފައިސާ ޚަރަދުކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ރައްޔިތުންގެ މުސްތަޤުބަލަށް އޮތް ބިރެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތު ހަލާކުވެ، މުސްތަޤުބަލުގައި ރައްޔިތުން ނިކަމެތިވެ ޙާލުގައި ޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. ޕެންޝަން ފަންޑުގެ ޙިމާޔަތަކީ ރައްޔިތުންގެ ޙައްޤެކެވެ.
އެ ޙައްޤަށް އުނިކަން އަންނަ ފަދަ އެއްވެސް ފިޔަވަޅެއް އެޅުމަކީ ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމަށް ދެވޭ ބޮޑު ގެއްލުމެކެވެ