Last Updated: July 12, 11:21
Sunday, July 12, 2026
ޚަބަރު

ސޯބެ ފަރާތުން މިއަދު ސައެއް

އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ފަރާތުން ބާއްވާ ސައެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.

މި ހަރަކާތް ކުރިއަށް ދާނީ އޮޑައްސައުގެ ކޮޑަގެދަރި މަގުގަ އެވެ. ސޯބެގެ ކެމްޕޭން ޓީމުގެ ފަރާތުން ބާއްވާ ސައިގެ ހަރަކާތް ފަށާނީ ހަވީރު 4:30 ގަ އެވެ. އެހެންވެ ދާއިރާގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެދިފައިވެ އެވެ.

ބައި-އިލެކްޝަނަށް އައްޑޫގެ ކުރީގެ މޭޔަރު ވަަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، އެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 6 ގަ އެވެ. ބައި-އިލެކްޝަންގައި ސޯބެއާ ވާދަ ކުރައްވަނީ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

އޭނަގެ ކެމްޕޭނަށް އެ ޕާޓީގެ އިސް ޓީމެއް ވެސް މި ވަގުތު އަންނަނީ އައްޑޫގައި ހަރަކާތްތެރިވަމުންނެވެ. އެ ޓީމުގައި އިސްކޮށް ތިއްބެވީ އިސްކޮށް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހިމް އަބްދުﷲ ގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލެވެ.