އައްޑޫ ލިންކް ރޯޑް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މި ވަގުތު ކުރަމުން އަންނަ މަސައްކަތްތައް ޕީއެންސީގެ ޓީމަކުން ބަލައިފި އެވެ.
މި ޓީމަކީ އަންނަ މަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭނަށް އައްޑު އައި އިއްޔެ ވަޑައިގެންނެވި ޕިއެންސީގެ ޓީމެވެ. މި ޓީމުގައި އިސްކޮށް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހިމް އަބްދުﷲ ގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި ބޭފުޅުން މިއަދު ވަނީ ލިންކް ރޯޑް މަޝްރޫއާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އައްޑޫ ޓީމާ ބައްދަލު ކުރައްވައި، މަޝްރޫއާ ގުޅޭ މައުލޫމާތުތައް ސާފު ކުރައްވައިފަ އެވެ.
ލިންކް ރޯޑް މަޝްރޫއު ހަވާލުކޮށްފައި އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ.
އެ ކުންފުނިން އިއްޔެ ބުނެފައި ވަނީ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް މަގުގައި ހުރި ބައެއް ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން މި މަޝްރޫއާ ގުޅޭ ސާވޭ ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީ ކުރަން މި ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 8،ގަ އެވެ. އަދި އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.
އާރްޑީސީއާ ލިންކް ރޯޑް ތަރައްގީ ކުރަން ހަވާލުކުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ. އެގޮތުން ލިންކް ރޯޑްގެ ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނެހެދި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސް 67.58 ކިލޯމީޓަރުގައި ތާރު އަޅަން އޮތީ ނިންމައިފަ އެވެ.
އެކަމަކު މި މަޝްރޫއު ހަވާލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް މަގު ހެދުމުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިހާރު މި ދަނޑިވަޅުގައި މި މަޝްރޫއާ ގުޅޭ ބައެއް މަސައްކަތްތައް ކުރަން ފެށީ ބައި-އިލެކްޝަނެއް ބޯމަތިވެފައި އޮތުމުން، އެކަމަށް އަމާޒުކޮށްގެން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.