Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފޭދޫ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް ދައްކަން ލުއި ގޮތެއް ހޯދަނީ

ފޭދޫގެ ހައުސިން ޔުނިޓްތަކެއް: މި ޔުނިޓްތަކާ ގުޅޭ މައްސަލަތަކެެއް އަނެއްކާވެސް ވަނީ ފެންމަތިވެފައި. ފޮޓޯ/ އައްޑޫ ލައިވް

ކުރީގެ ސަރުކާރުން ސ. ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 30،000ރ. ގެ ޑައުންޕޭމަންޓް ތިން ބުރަކަށް ބަހާލައިގެން ފަހަރަކު 10،000ރ. ދެއްކޭނެ ގޮތެއް ހަމަޖެއްސޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ވިދާޅުވީ ގުރުއަތުން ޔުނިޓްތަކަށް ހޮވޭ ފަރާތްތަކަށް އެފަދަ ލުޔެއް ލިބޭނެ ގޮތެއްވޭތޯ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިން ކުންފުންޏަކަށް ސަބް ކޮންޓްރެކްޓަރުކަން ދީގެން ހަދާފައިވާ ހައުސިން ޔުނިޓްތަކަށް މަހަކު ދައްކަން ޖެހޭ އަދަދު ވެސް މިދިޔަ ނޮވެމްބަރު މަހު ވަނީ 4،500ރ. އިން 3،000ރ. އަށް ކުޑަކޮށްފަ އެވެ.

ފޭދޫގެ ދެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފަހުން ހުޅުވާލުމުން 339 ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.

ކައުންސިލުން މިހާރު އަންނަނީ އެ ފޯމްތަކުގައި ހުރި މައުލޫމާތުތައް ސައްހަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަހުގެ 30 ގައި ގުރުލުން ބާއްވަން ނިންމާފައިވާ އިރު، މި މަހުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި އިވެލުއޭޝަން މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް މިރުޒާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއާ ހިލާފަށް މި ފަހަރު އިވެލުއޭޝަންގެ ކަންތައް ކުރިއަށްދާނީ ކައުންސިލްގެ އިވެލުއޭޝަން ކޮމިޓީގައި ފޭދޫގެ ދެ މީހަކު ވެސް ހިމަނައިގެން ކަމަށެވެ.