Last Updated: July 12, 11:21
Sunday, July 12, 2026
ޚަބަރު

ކޮމްޕްލެއިންޓްސް ބިއުރޯގެ ވެރިޔަކަށް މާހިދު

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށް، މިނިސްޓަރުގެ ފެންވަރުގައި، މުޙައްމަދު މާހިދު ޝަރީފު ޢައްޔަންކޮށްފި އެވެ.

އެ މަގާމަށް އޭނަ އައްޔަންކުރީ މި މަހުގެ 18 ގަ އެވެ.

މާހިދަކީ މީގެ ކުރިން ވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ކުރައްވާފައިވެ އެވެ

އަދި ރައީސް އޮފީހުގެ ޢައްޔަންކުރެއްވުމާ ހަމައަށް މާހިދު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަގާމުގަ އެވެ.

މާހިދަކީ ޑޮކްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވައި، ޕަބްލިކް ސެކްޓަ މެނޭޖްމަންޓްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކު ރައްވާފައިވާ ބޭފުޅެކެވެ.

މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިއްމު އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ގާއިމުކުރި އޮފީހެކެވެ.

އެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށް ދިނުމެވެ.

އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމު ކުރާނެ އެވެ.

.ކޮމްޕްލައިންޓްސް ބިއުރޯއެއް އުފައްދަ ނިންމެވިކަން ރައީސް އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރްއަރީ 5 ވަނަ ދުވަހު ގައި ރިޔާސީ ބަޔާންގަ އެވެ.