އަށް ވަނަ ޤަރުނުގެ ކުރީކޮޅަކީ، އުމަވީ ދައުލަތް އާރާއި ބާރުގެ އެންމެ އުސް ކުރިބޯށްޓާ ހަމައަށް ފޯރާފައިވީ ދުވަސްވަރެވެ. އެއްފަރާތުން މުޙައްމަދު ބިން ޤާސިމް ސިންދު ނުވަތަ މިހާރުގެ ޕާކިސްތާނު ފަތަޙަ ކުރެއްވިއިރު، އަނެއްކޮޅުން ޠާރިޤު ބިން ޒިޔާދު އަންދަލުސް، ނުވަތަ މިހާރުގެ ޕޯޗްގަލްއާއި، ސްޕޭން ފަތަޙަ ކުރެއްވިއެވެ. މެދުތެރޭ އޭޝިޔާގައި ފުތޫޙާތުތައް ކުރިއަށް ގެންދެވީ، ޤުޠައިބާ ބިން މުސްލިމްގެ އިސްދާނަކަމުގެ ދަށުންނެވެ.
އުމަވީ ދައުލަތުގެ ދުވަސްވަރަކީ، އިސްލާމީ އުއްމަތް އަސްކަރީގޮތުން އެންމެ ބާރުގަދަ ދުވަސްވަރެވެ. އުމަވީ އަސްކަރީ ބާރާއި އެއްވަރުގެ ބާރެއް، އިސްލާމީ އުއްމަތުން އޭގެފަހުން ފެނިފައި ނުވެއެވެ. އުސްމާނީ ޚިލާފަތާއި، ތައިމޫރީ ދައުލަތާއި، ސެލްޖޫގީ ދައުލަތާއި، ޢައްބާސީ ޚިލާފަތާއި، އަދި މުޣުލުންނަށްވެސް، އުމަވީ ޚިލާފަތާއި އެއްވަރުގެ އަސްކަރީ ބާރެއް އުފެއްދިފައި ނުވެއެވެ. އެކަމަކު، އެއްވެސް ބަޔަކަށް ބަލިނުކުރެވޭނެ ކަމަށް ހީކުރެވުނު، އެ ބާރުގެ ފަހަތުގައި އޮތީ ގޮވަން ތައްޔާރުވެފައި އޮތް ދިޔާ އަލިފާން އުތުރިއަރަމުން ދިޔަ އަލިފާން ފަރުބަދަ އެކެވެ.
ނަބިއްޔާ ﷺ ގެ ކާފަދަރިކަލުން ޙުސެއިން رضي الله عنه ޝަހީދުކޮށްލުމާއި، އުމަވީންގެ ފަރާތުން އަހުލުބައިތުންނަށް ލިބިވަޑައިގަތް
އަނިޔާތަކުގެ ބަދަލު ހިއްޕެވުމަށް ނުކުމެވަޑައިގަތް، ޢައްބާސީންނަށް އިސްލާމީ އުއްމަތުގެ އާންމު ފަރުދުންގެ ފަރާތުން އޮތީ ވަރަށް ވަރުގަދަ ތާއީދެއް ލިބިވަޑައިގެންފައެވެ.
އެހެންކަމުން، ޢައްބާސީން ޚުރާސާނުގައި ކަޅު ދިދަ އުފުއްލަވައި، އުމަވީ ޚިލާފަތާ ދެކޮޅަށް ބަޣާވާތެއް އިޢުލާން ކުރެއްވިއެވެ. އުމަވީ ޚަލީފާ މަރުވާން ދެވަނަ އަކީ ޤާބިލު ޚަލީފާއެކެވެ. ނަމަވެސް އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެންމެ ބަޣާވާތެއް ނޫނެވެ. އިސްލާމީ އުއްމަތުގެ ކަންކޮޅުތަކުން އުމަވީ ދައުލަތާ ދެކޮޅަށް މުސްލިމުން ދިޔައީ އިޙުތިޖާޖުތައް ކުރަމުންނެވެ.
އޭގެ އިތުރުން އުމަވީ ދައުލަތުގެ ޖާސޫސުންނަށް ޢައްބާސީންގެ ރޭވުންތައް ވަގުތުން އެނގޭނޭ ގޮތެއްވެސް ނެތެވެ. އުމަވީ ޚަލީފާ މަރުވާން ދެވަނަ، އޭނާގެ ލަޝްކަރާއެކު ޢައްބާސީންނާ ދެކޮޅަށް ހިތްވަރާއެކު ހަނގުރާމަ ކުރެއްވި ނަމަވެސް، ހަނގުރާމައިން ބަލިވެވަޑައިނުގެން ސަލާމަތްވެ ވަޑައިގެންނެވޭނޭ ގޮތެއް ނުވިއެވެ.
ޢައްބާސީންގެ ލަޝްކަރުގެ ޖޯޝާއި ހިތްވަރުގެ ކުރިމަތީގައި، ތަޖުރިބާކާރު އުމަވީ ލަޝްކަރު އިނދަޖެހި ނާކާމިޔާބުވީއެވެ. އަދި މަރުވާން ދެވަނަ ފިއްލަވައިގެން މިސްރަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް، ޢައްބާސީން އޭނާ އަވަހާރަކޮށްލިއެވެ.
ޢައްބާސީން ދިމިޝްޤު ސަހަރު ފަތަޙަކޮށް، ގާތްގަނޑަކަށް މުޅި އުމަވީ ޚާންދާނުގެ އެންމެން ޤަތުލުކޮށްލިއެވެ. ސަލާމަތްވި މަދު މީސްކޮޅުގެ ތެރޭގައި ވިހި އަހަރުގެ ޒުވާނަކު ހިމެނެއެވެ. އެއީ، އުމަވީ ޚަލީފާ ހިޝާމްގެ ކާފަދަރިކަލުން ޢަބްދުއް ރަޙުމާނެވެ. އޭނާގެ ފަހަތްޕުޅުން، އޭނާ ހޯދަމުން ދިޔަ ޢައްބާސީ ލަޝްކަރުގެ ސިފައިންގެ ކިބައިން ސަލާމަތްވެ ވަޑައިގަތުމަށްޓަކައި، އޭނާ ފައްތަވާފައި ދިޖުލަތުކޯރު ހުރަސްކުރެއްވިއެވެ.
އޭނާއާއެކު އޭނާގެ ކޮއްކޯފުޅުވެސް ހުންނެވިއެވެ. އެކަމަކު، ޢައްބާސީ ލަޝްކަރުގެ ސިފައިން ފޮނުވާލި ތީރެއް އައިސް، ކޮއްކޯފުޅުގެ ހަށިކޮޅަށް އަމާޒުވެ ކޮއްކޯފުޅު އަވަހާރަވީއެވެ. ނަމަވެސް އަބުދުއް ރަޙުމާން އެ ލަޝްކަރުގެ ސިފައިންގެ އަތްދަށު ނުވެ، ފިއްލަވައިގެން ވަޑައިގެންނެވިއެވެ. އޭނާ ފިއްލަވައިގެން ސަހަރާތަކާއި، ފަރުބަދަތަކާއި، ކޯރުތައް ހުރަސްކުރައްވައި، އުތުރު އެފްރިކާގެ މަޣުރިބަށް ވަޑައިގެންނެވިއެވެ. އަދި މަޣުރިބު ކަރައިގައި ތިބި، އުމަވީ ދައުލަތަށް ހަމްދަރުދީވާ ބަރުބަރީންގެ ގާތަށް ވަޑައިގެންނެވިއެވެ.
އަހަރުތަކެއް ވަންދެން ފިއްލަވައިގެން މަޣުރިބު ކަރައިގައި އުޅުއްވުމަށްފަހު، އެންމެފަހުން އިސްލާމީ އަންދަލުސްއަށް ވަޑައިގެންނެވިއެވެ. ޢަބުދުއް ރަޙުމާން އަންދަލުސްއަށް ވަޑައިގެންނެވިއިރު، ޢަދާވާތްތެރިކަމާއި، ސިޔާސީ ހަލަބޮލިކަން ވަނީ އެތަނަށް ވެރިވެފައެވެ. ޢަބުދުއް ރަޙުމާނަކީ ޢުމަވީ ދަރުބާރުން، ޑިޕްލޮމެސީއާއި، ވެރިކަން ހިންގުމުގެ ނިޒާމު ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެހެންކަމުން، އަންދަލުސްގައި، ފިއްލަވައިގެން ހުންނެވުމުގެ ބަދަލުގައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޢަބްދުއް ރަޙުމާނު ލަޝްކަރެއް އެކުލަވާލައްވައި، ހަނގުރާމަ ކުރައްވަން ފެއްޓެވިއެވެ. އަދި ހަނގުރާމަ ކާމިޔާބު ކުރައްވައި، 756 ވަނަ އަހަރު ޤުރުޠުބާގެ ކޮންޓްރޯލް ހޯއްދެވިއެވެ. އަދި އޭނާ އަމިއްލަފުޅަށް، ޢައްބާސީ ޚިލާފަތުން މިނިވަންވެފައިވާ، ވަކި ޚިލާފަތެއް އިޢުލާން ކުރައްވައި، އަންދަލުސްގެ އަމީރަކަށްވެ ވަޑައިގެންނެވިއެވެ.
ޖާސޫސީ ޢިލްމާއި، ޑިޕްލޮމެސީއާއި، ވެރިކަން ހިންގުމުގެ ތަޖުރިބާއާއެކު، ބާރުގަދަ އަސްކަރީ ފިޔަވަޅުތަކާއެކު، އޭނާގެ ވެރިކަމުގެ ސަރަޙައްދުގައި އަމަން އަމާންކަން ޤާއިމު ކުރެއްވިއެވެ. އަދި ދަނޑުވެރިކަން ކުރިއަރުއްވައި، އިޤުތިޞާދު ހަރުދަނާ ކުރައްވައި، މެދު ޒަމާނުގެ އެންމެ ޝަރަފުވެރި އެއް މުޖުތަމަޢުގެ ބިންގާ އެޅުއްވިއެވެ. އޭނާގެ ވެރިކަމުގައި ޤުރުޠުބާ މުޅިން ބަދަލުކުރެއްވިއެވެ. އޭގެ ޤަރުނެއް ފަހުން ޤުރުޠުބާއަކީ، ދުނިޔޭގެ އެންމެ ޒަމާނީ އެއް ސަހަރަށް ވެގެން ދިޔައެވެ.
ވިލާތުގެ ތާރީޚު ޢިލްމުވެރިންނާއި، ލިޔުންތެރިން ޤުރުޠުބާގެ ތަރައްޤީއާއި ތަމައްދުނު ދެކި، އާޝޯޚުވެ، ޤުރުޠުބާއަށް ނިސްބަތް ކޮށްފައިވަނީ "ދުނިޔޭގެ ޖަވާހިރު" ގެ ނަމުންނެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.