Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ދިޔަ ޤައިދީއަކު، އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ހުއްޓައި ފިލި މައްސަލައިގައި، އެ މީހާ ހޯދައި ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން ފިލާފައި ވަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާނެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ޝަޙްބާން ފިލި މައްސަލަ މެއި 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅި ކަމަށާއި، އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ފެށި ކަމަށެވެ.

ފުލުހުން ބުނީ ޝަޙްބާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަރެކްޝަނަލް ސާވިސް އާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޝަޙްބާން ހައްޔަރުކޮށްފައި ވަނީ، ފަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ޝަރީޢަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ. އަދި އެ މައްސަލައިގާ އޭނާގެ މައްޗަށް ދައުވާކުރަންވެސް އޭޕްރީލް މަހުގެ ތެރޭގައި ފޮނުވާފައިވެއެވެ.

އަލިފާނުގެ އެ ހާދިސާގައި މީހަަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.