Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ލަންކާއަށް ދަތުރުކުރާއިރު އީޓީއޭ ހުށަހަޅަން ޖެހޭ

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ މީހުން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ފުރަންޖެހޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ރާއްޖޭގައި ހުންނަ ލަންކާ ހައި ކޮމިޝަނުން ބުނީ ޓޫރިޒަމްގެ ބޭނުމަށް އެގައުމަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ ރައްޔިތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އީޓީއޭ ފުރަން ޖެހޭނެ ކަމަށެވެ.

ލަންކާއަށް ދަތުރަށް ފެށުމުގެ 24 ގަޑިއިރު ކުރިން ހޯދަންޖެހޭ މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓުންނެވެ.

އީޓީއޭ ފުރަންޖެހޭ ގޮތަށް ހަމަޖެއްސި ނަމަވެސް ދިވެހިންނަށް އިތުރު ޗާޖަކާއި ނުލައި 90 ދުވަހުގެ ޓޫރިސްޓް ވިސާ އީޓީއޭ ސިސްޓަމުން ލިބޭނެ ކަމަށް ލަންކާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.