ބަލީގެ ހާލަތު ހުރި ގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް، އެ މީހުންގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއް ފަހަރާ ނެގޭ ގޮތަށް ޕެންޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
މި ބިލަކީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ ހާލަތްތަކާއި، ޕެންޝަން އޮފީހާއި ޕެންޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އުސޫލުތައް ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލުން ތައާރަފުކުރެވިފައިވެ އެވެ.
އެގޮތުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ، އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ ނަމަ، އެމީހެއްގެ އަސާސީ ޕެންޝަން ލިބިނުދެވޭނެކަމާއި، ގެދޮރު ޢިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ހަމަމިއާއެކު، ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެކަމާއި އަދި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް މި ބިލުގައި ހިމަނާފައިވެއެވެ. މީގެއިތުރުން ޙައްޖުވުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ.