ޗާޓުން ބޭރުން ސަރުކާރު ބަދަލުކުރުމުގެ ވާހަކަދެއްކުމުގެ މާނައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'ނޭޝަން ޗެޓް' ގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މީގެކުރިން ހިނގި ވެރިކަންތަކުގައި މުޅިންވެސް އޮތީ ސިޔާސީ ގޮތުން ބަދަލުހިފުމާއި ސިޔާސީ މީހުން ޖަލަށްލުން ކަމަށާއި ނަމަވެސް މިވީ ދެ އަހަރުގެ ތެރޭގައި ސިޔާސީ ގޮތުން ޖަލަށްލީ މީހަކު ނުހުންނާނެ ކަމަށެވެ. އަދި އެކަމަކީ އެމަނިކުފާނަށް ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ސިޔާސީ ހަމަޖެހުން އެމަނިކުފާނު ގެނެސްދެއްވާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް މީހަކަށް ސިޔާސީ ގޮތުން ކުރިއަށް ދިއުމުގައި ހުރަހެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަކީ އިސްލާމީ ގައުމެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އިސްލާމް ދީނާއި ޤާނޫނުއަސާސީގައި ހުރި ކަންކަމަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ތަންފީޒު ކުރާނެ ކަންކަން ކަމަށާއި އެކަމުގައި ސިޔާސީ މީހަކު ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.
"ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު، ޑިމޮކްރަސީގެ ޗެމްޕިއަނުންގެ ގޮތުގައި އަމިއްލައަށް ޕްރޮކްލެއިމް ކުރާ ފަރާތްތަކުން، މިއަދު އަޅުގަނޑު ހިތަށްއަރާ އަމިއްލަ ނަފުސާ ސުވާލުކޮށްލަންވާނެއޭ ތިމަންނަމެނަށް މިދެއްކެނީ އަމަލާ ބަހާ ދިމާވާ ވާހަކައެއް ބާވައޭ. އެހެން މިދަންނަވާ ސަބަބަކީ ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން ސަރުކާރެއް އުފެދިގެން އައިސް، އެ ސަރުކާރަކުން މަސައްކަތް ކުރަމުންދާއިރު، ޑިމޮކްރެޓިކް ހަމައިން ބޭރުން، އެބޭފުޅުން ބަހުރުވައިންވިއްޔާ ޗާޓުން ބޭރުން އެ ސަރުކާރެއް ބަދަލުކުރަން މަސައްކަތް ކުރުމާއި ގައުމުގައި އޮތް ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމާ، އަޅުގަނޑު މި ޔަގީންކޮށްދިން ސިޔާސީ މިނިވަންކަން އެ ނަގާލަން އަމިއްލައަށް މި ކުރާ މަސައްކަތުގެ މާނައެއް އެބައޮތްބާވައޭ؟" ރައީސް ވިދާޅުވި އެވެ.
ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ ޒިންމާ އެމަނިކުފާނަށް އޮންނަ ފަދައިން ގައުމުގެ ހަމަޖެހުން ގާއިމު ކުރުމުގެ ޒިންމާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ވެސް އޮންނާނެކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެންމެނަށް ވެސް އޮތް ހަމަހަމަކަމެއް ކަމަށާއި އެ މިނިވަންކަން އެންމެ ފުޅާމިނުގައި ބޭނުންކުރެވުނު ނަމަވެސްއެކަމުގައިވެސް އޮތް ހުދޫދު އެންމެންގެ މައްޗަށްވެސް ހިނގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.