ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ބޭވަފާތެރިއެއް ކަމަށާއި މި ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒަކީ ބޭވަފާތެރި ބޭފުޅެއް ކަމަށާއި އެކުވެރި ސިޔާސީ ލީޑަރުންނަށް ވެސް ރައީސް މުއިއްޒަކީ ބޭވަފާތެރިއެއް ކަމަށެވެ.
"ރައީސް މުއިއްޒުއަކީ ބޭފަރާތެރި ބޭފުޅެއް. ހަމައެކަނި އަނބިކަނބަލުންނަށް އެކަންޏެއް ނޫން، އެކުވެރި ސިޔާސީ ލީޑަރުންނަށް ބޭވަފާތެރި ބޭފުޅެއް. ރާއްޖޭގެ ރައްޔިތުން އެ ބޭފުޅާ ބަލައެއް ނުގަންނާނެ. އަޅުގަނޑުމެން އިރާދަކުރެވިއްޔާ އެބޭފުޅާ ވެރިކަމުން ބަދަލުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަ ނިންމާލެއްވީ ރައީސް މުއިއްޒަށް ރައްދު ކުރެއްވި ޅެންބައިތެއްގެ ޝަރަހައަކުންނެވެ.
"ޖޫން ޖުލައި ގަދަ ކުރިމަތިވަނީއޭ، ދުއްވާނު އޮނޑި މަޑުކޮށްނުލައްވައްޗޭ، ހުންގާނު ތިޔަ ހުރީ މޮޅު ލަކުނޑިއަކުންހޭ، ކޮޅުވަތުގައި ހުރި ގޮތް ރަނގަޅަށް ބަލާށޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ކޮޅުވަތުގައި ހުރި ގޮތްވެސް އަދި މިސްރާބު ހިފަންވީ ގޮތްވެސް އެނގޭ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެމްޑީޕީން ނުކުމެ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކޮށް، އަލުން އަނބުރާ ވެރިކަމާ ހަވާލުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ނަޝީދު މީގެކުރިން ވެސް ވަނީ މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތަނަވަސް އަގުލަބިއްޔަތު ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ހާސްވެ ނުލައްވާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު، ތަނަވަސް އަގުލަބިއްތު އިތުބާރު ނެތް ކަމަށް ނެގޭ މިންވަރަށް ވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.