އަންނަ މަހު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ، މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން އަދި ޗެލްސީގެ ކޯލް ޕާމާ ބާކީކޮށްފި އެވެ.
އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވެ ހުރި ޖަރުމަނުގެ ކޯޗު، ތޯމަސް ޓުޗެލް މިއަދު އިއުލާނުކުރަން ނިންމާފައިވާ 26 ކުޅުންތެރިން ހިމެނޭ އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ނަންތައް އިނގިރޭސި މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.
އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިންގްލެންޑުން އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ރަނގަޅު ކުޅުމެއް ދެއްކި މެގުއާ ސްކޮޑުން ބާކީކުރުމެވެ. މެގުއާ ވަނީ މި ސީޒަނުގައި ޔުނައިޓެޑްގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
ސްކޮޑުން ޖާގަ ނުލިބުމާ ގުޅިގެން މެގުއާ ބުނީ މިއީ ލިބުނު ޝޮކެއް ކަމަށާއި މި ސީޒަނުގައި ދެއްކުނު ކުޅުމާ އެކު މި ފަހަރުގެ ވޯލްޑް ކަޕްގައި މުހިންމު ދައުރެއް އަދާކޮށް، އިންގްލެންޑަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ޔަގީން ކުރި ކަމަށެވެ.
އިންގްލެންޑުގެ ސްކޮޑުން ދެން ބާކީކުރި ފޮޑެން އާއި ޕާމާ އަށް މި ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އަދި މި ސީޒަނުގައި ނޮޓިންހަމް ފޮރެސްޓުގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު މޯގަން ގިބްސް ވައިޓަށް ވެސް ސްކޮޑުން ޖާގަދީފައެއް ނުވެ އެވެ.
އަނިޔާގެ ގިނަ މައްސަލަތަކެއް މި ސީޒަނުގައި ކުރިމަތިވި، ސިޓީގެ ޖޯން ސްޓޯންސް އާއި ނިއުކާސަލް ޔުނައިޓެޑްގެ ޑެން ބާން އަދި ބްރެންޓްފޯޑްގެ ޖޯޑަން ހެންޑަސަން އާއި އާސެނަލްގެ ނޮނީ މަޑުއޭކޭ އަށް ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.